އެމް.އައި.ޕީ.އައި.އެމް އެވޯޑަށް ދިވެހިރާއްޖޭގެ ފްލޯޓިންގ ސިޓީ ޝޯޓްލިސްޓްވެއްޖެ
ލެ މާޝޭ އިންޓަނޭޝަނަލް ޑެ ޕްރޮފެޝަނަލްސް ޑެ އިމޮބައިލަރ ނުވަތަ ރިއަލްއެސްޓޭޓްގެ ބައިނަލްއަގުވާމީ މާކެޓުން އަހަރުގެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތަކަށް ދޭ އެވޯޑަށް ދިވެހިރާއްޖޭގެ ހަދަމުންދާ ފްލޯޓިންގ ސިޓީ ޝޯޓްލިސްޓް ވެއްޖެއެވެ.
މޯލްޑިވްސް ފްލޯޓިންގ ސިޓީ މި އެވޯޑަށް ޝޯޓްލިސްޓްވެފައި ވަނީ 'ބެސްޓް ފިއުޗެރާ މެގާ ޕްރޮޖެކްޓް' ކެޓެގަރީއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަރައްޤީގެ 161 ޕްރޮޖެކްޓްގެ ތެރެއިންނެވެ. މި އެވޯޑު ލިބޭ ޕްރޮޖެކްޓް މިއަދު އިއުލާން ކުރެވިގެންދާނެއެވެ.
މޯލްޑިވްސް ފްލޯޓިންގް ސިޓީއަކީ ލޯންޗުގައި މާލެއިން 15 މިނެޓުން ދެވޭ ފަޅެއްގައި ހެދޭ އީޖާދީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްއެކެވެ. ނެދަލެންޑްސްގެ އެންމެ ޒަމާންވީ ފްލޯޓިންގ ޓެކްނޯލޮޖީއާ އެކު ހެދޭ މި ސިޓީގައި 5000 ފްލޯޓިންގ ހައުސިންގ ޔުނިޓް ފަޅުގައި އަތުރާލެވޭނެއެވެ. މި ޔުނިޓްތައް ފަރުމާ ކުރެވިފައި ވަނީ ސަލާމަތްތެރިކަމާއި ފަސޭހަކަމާ އެކު ދިރިއުޅެވޭނެ ގޮތަށެވެ.
އެމް.އައި.ޕީ.އައި.އެމް ޕްރޮޖެކްޓްއަށް ޝޯޓްލިސްޓް ވެފައިވާ އަނެއް 3 ޕްރޮޖެކްޓްއަކީ: ބާސެލޯނާގައި ހުންނަ ކުރީގެ މާރސިޑީޒް ފެކްޓަރީއެއް އިކޯ ޑިސްޓްރިކްޓްއަކަށް ބަދަލުކުރާ ޕްރޮޖެކްޓްއަކާއި، ސިއިމެންސްއިން ބެންގަލޫރުގައި ހަދާ ހެލްތިނިޔަރސް ކެމްޕަސްއަކާއި، ޗައިނާގައި ހަދާ އަލިބާބާ ކުންފުނީގެ އެކަޑެމީއެކެވެ.
މި އެވޯޑުގެ އެންމެ ފަހު ހަރުފަތަށް ވާސިލްވުމާ ގުޅިގެން، މޯލްޑިވްސް ފްލޯޓިންގ ސިޓީގެ ޑިރެކްޓަރ އިބްރާހިމް ރިޔާޒް މި އެވޯޑަށް ޝޯޓްލިސްޓް ވުމަކީ މި ޕްރޮޖެކްޓާ މެދު އިތުބާރު އިތުރުވާނެ ކަމެއް ކަމަށެވެ.
"އެމް.އައ.ޕީ.އައި.އެމް. އެވޯޑަކީ ދުނިޔޭގެ ފެންވަރުގައި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކަށް ދެވޭ އެންމެ ފަޚުރުވެރި އެވޯޑް. މޯލްޑިވްސް ފްލޯޓިންގް ސިޓީ މި އެވޯޑުގެ އެންމެ ފަހުގެ ހަރުފަތަކަށް ދެވުމަކީ މި ޕްރޮޖެކްޓާ މެދު އިތުބާރު އިތުރުވެ، ބޭނުންކުރެވޭ ޓެކްނޮލޮޖީގެ މޮޅުކަން ހާމަވާ ކަމެއް. މި އެވޯޑުގެ އެންމެ ފަހު ސްޓޭޖަށް ދެވުނީތީ އަޅުގަނޑުމެން އުފާކޮށް ފަޚުރުވެރިވަން" އޮސްކާސް ފޯ ގްލޯބަލް ޑިވެލޮޕްމެންޓްގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑަށް ޝޯޓްލިސްޓްވުމުގެ އުފަލުގައި ރިޔާޒު ވިދާޅުވިއެވެ.