ޚަބަރު

ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސައިލާން ހުކުމްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނ.އަތޮޅު ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސައިލުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by MWSC

ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު މި ހުކުމްކުރީ ނ.އަތޮޅު ކައުންސިލުން ފިޝަރީޒް މިނިސްޓްރީގެ މައްޗަށް ވަގުތީ ނެރެދިނުމަށް އެދުނު ވަގުތީ އަމުރާ ގުޅިގެންނެވެ.

ނ.އަތޮޅު ކައުންސިލުން ފިޝަރީޒް މިނިސްޓްރީއާ ދެކޮޅަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލައަކީ ނ.ތޮޅެންދޫ ސިންގަލް ޕާސަލް އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން، ނ.އަތޮޅު ކައުންސިލުން ފިޝަރީޒް މިނިސްޓްރީއަށް ދީފައިވާ މަޝްވަރާއާ ޚިލާފަށް، އެ ރަށް ކުއްޔަށް ދޫކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރިއަށް ގެންދާތީ އެކަމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގައި ނ.އަތޮޅު ކައުންސިލުން ވަނީ އެ ކައުންސިލްގެ ފަރާތުން ހުށަހަޅައިފައިވާ ދައުވާއާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ނ.ތޮޅެންދޫ ދިގު މުއްދަތަކަށް ވަކި ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސައިލުމަށާއި، މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން އެއްވެސް ފަރާތަކަށް ރަށް އެވޯޑް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، އެހެން ފަރާތެއްގެ މަސްލަހަތު ތޮޅެންދޫގެ މައްޗަށް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ ކަންކަން ނުކުރުމަށް ދައުވާ ލިބޭ ފަރާތަށާއި ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި ވަގުތީ އަމުރެއް ނެރެދެއްވުމަށް ވެސް އެދިފައެވެ.

ކުރީން މީހުން ދިރިއުޅުނު ތޮޅެންދޫ ކުއްޔަށް ދިނުމަށް ބިޑު ހުޅުވައިލީ މިދިޔަ އަހަރުގެ ނޮވެމްބަރުގައެވެ. ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ ބިޑް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަތޮޅު ކައުންސިލުން ބުނެފައި ވަނީ އެ ރަށް ކުއްޔަށް ދިނުމަކީ އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި އަތޮޅުގެ ފަޅުރަށްރަށް ބޭނުންކުރާނެ ޕްލޭންގައި އެ ރަށަށް ވެސް ޕްލޭނެއް އޮންނާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!