އިސްލާމީ މަރުކަޒު އާބާތުރަ ފިލުވުމުގެ މަސައްކަތް ރަމަޟާންމަހަށް ނިމޭނެ

އިސްލާމީ މަރުކަޒުގެ ގޯތިތެރެއާއި މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ރަމަޟާން މަސް ފެށެންވާއިރަށް ނިންމައިލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރަމަޟާން މަހު ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒުގެ އާބާތުރަފިލުވައި، ގޯތިތެރެ ޒީނަތްތެރިކުރުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން މިސްކިތުގެ އެތެރެއާއި ބޭރު ދޮވެ ސާފު ކުރުމާއި، ދަވާދު ލާންޖެހޭ ތަންތާނގައި ދަވާދުލުމާއި، ބޭރުފާރުތައް ދޮވެ ސާފުކުރުން ވެސް މިހާރު ދަނީ ކުރިއަށެވެ. ހަަމައެހެންމެ އަންހެނުން ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ބައިގައި އިތުރު ފަންކާތައް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައިފައި ވެއެވެ.
ރޯދަ މަހަށް ޚާއްސަކޮށްގެން އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފައި ވަނީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
ފާއިތުވެ ތިން އަހަރު ރަމަޟާންމަހު ވެސް އިސްލާމީ މަރުކަޒުގައި ބޮޑެތި މަރާމާތުތައްކޮށް ޒީނަތްތެރިކޮށްފައި ވެއެވެ.