ރަމަޟާންމަހާ ދިމާކޮށް މާލޭގައި ނައިޓްމާކެޓެއް ބާއްވަނީ

މި ފެށޭ ރަމަޟާންމަހާ ދިމާކޮށް މާލޭގައި ނައިޓްމާކެޓެއް ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިއީ ރަމަޟާން މަހާ ގުޅިގެން އާންމުންނަށް ހެޔޮ އަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ ގޮތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ނައިޓް މާކެޓެއް ކަމަށެވެ.
ރަމަޟާން މަހަށް ޚާއްސަކޮށް "މާލެ ސިޓީ ކައުންސިލު ނައިޓް މާކެޓް"ގެ ނަމުގައި ބާއްވާ މި ނައިޓް މާކެޓް ބާއްވާނެ ތާރީޚަކާއި ތަނެއް އަދި އެ ކައުންސިލުން އިއުލާނު ކޮށްފައެއް ނުވެއެވެ.
ނަމަވެސް މި ނައިޓް މާކެޓް ރާވައި، ހިންގައިދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިއުލާނު ކޮށްފައެވެ.
ނައިޓް މާކެޓެއްގެ އިތުރުން ރަމަޟާން މަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން ވަނީ ލޯކަލް މާރުކޭޓެއް ވެސް ހަދަން ނިންމައިފައެވެ. އެގޮތުން އެތަނުގެ ޓެންޓް ޖަހައިދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިއުލާން ވެސް ކޮށްފައެވެ.