ހިޔާގެ ކުލި ކުޑަ ކޮށްދިނުމަށް ސޮއި ހޯދަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަ ކުރުމަށް ޓަކައި މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ހިޔާ ޔޫނިއަންއިން ބުނީ ހިޔާ ފުލެޓުތަކުގެ ކުލި ދެއްކޭނެ މިންވަރަކީ 5600 ރުފިޔާކަން ބަޔާންކޮށް ސަރުކާރަށް ހުށައެޅުމަށް ސިޓީގައި ސޮއިކުރުން ހިޔާ ސަހަރުގައި ފަށައިފައިވާ ކަމަށެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް އާންމުން ބުނަމުންދާ އިރު، ހިޔާ ފްލެޓްތަކުން ކުލި ނުނަގާގޮތަށް ދިން މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި 6،600 ރުފިޔާ ނަގަން ނިންމައިފައިވީ ނަމަވެސް މި ސަރުކާރުން ވަނީ އެ އަގަށް ބަދަލު ގެނެސް ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި މަހަކު 7500 އަދި މެއިންޓެނެންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާ އެކު ޖުމްލަ 8500 ރުފިޔާ ދައްކަން ޖެހޭނެކަމަށް ނިންމައިފައެވެ.
މިކަމާ ގުޅިގެން ހިޔާ ފުލެޓުތަކުގެ ވެރިންނާއި އިދިކޮޅުން ބުނަމުންދާ ގޮތުގައި މި އަދަދަކީ އެ ފުލެޓްތަކާ އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށާއި ކުލީގެ އަގު ކުޑަކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށެވެ.