ޚަބަރު

ބުރާސްފަތި ދުވަހު ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފަށަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކިންގް ސަލްމާން މިސްކިތް

އަންނަ ބުރާސްފަތި ދުވަހު، ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

"ދެން"އަށް އެނގިފައިވާ ގޮތުގައި، އެ މިސްކިތުގައި ނަމާދު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ މަޣްރިބު ނަމާދުންނެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު "ދެން"އަށް ކުރިން ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވޭނެ ތާރީޚެއް އަދި ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ރޯދަ މަހަށް، އެ ތަނުގެ ނަމާދު ކުރުމަށް ޚާއްސަ ބައި ހުޅުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވަނީ، އެ ތަނަށް ބޭނުންވާ ވަސީލަތްތައް އަދިވެސް ހޯދިފައި ނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުންދާތީ، ސަރުކާރަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

މިސްކިތް ނުހުޅުވި ލަސްވާތީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުއްވައި، މިސްކިތް ހުޅުވުމަށް ބޭނުންވާ ތަކެތި ގަތުމަށް ދެ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ދޭނެ ކަމަށް ފޮރިން މިނިސްޓްރީން އަންގައިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިސްކިތަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށް ދައުލަތުގެ ބަޖެޓުން އެ ފައިސާ ހަމަޖައްސައިދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!