މުނިފޫހިފިލުވުން ދިވެހި ސިނަމާ

ތަފާތު އައްތަތައް ދައްކައިދޭ "އޮފީސް ލޯބި"ގެ ޝޫޓިންގ އެއްކޮށް ނިމިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބައިސްކޯފުން އަލަށް އުފައްދާ ކޮމެޑީ ސީރީޒެއް ކަމަށްވާ "އޮފީސް ލޯބި"ގެ ފުރަތަމަ ސީޒަންގެ ޝޫޓިންގތައް އެއްކޮށް ނިމިއްޖެއެވެ.

Ads by STELCO

ދާއިރާއަށް އަލަށް ތައާރަފުވާ ބައެއް އައު މޫނުތަކަކާ އެކު، ވަރަށް ތަފާތު އައްތަތައް (ކެރެކްޓާތައް) ދައްކުވައިދޭ "އޮފީސް ލޯބި"އަކީ ޑައިރެކްޝަނަށް މުޅިން އަލަށް ތައާރަފްވި އަމީނާ މުހައްމަދު (އަމީ) ލިޔެ އުފެއްދި ޕްރޮޖެކްޓެކެވެ.

މިސީރީޒްގެ ފުރަތަމަ ސީޒަންގެ ޝޫޓިންގ މިހާރު ނިމިފައިވާ އިރު، އޭގައި ޖުމްލަ 10 އެޕިސޯޑް އެކުލެވިގެންވެއެވެ.

"އޮފީސް ލޯބި" ސީރީޒުގައި ހިމެނޭ އައު ތަރިންގެ ތެރޭގައި، ބިލިއާޑް ކުޅުމުން މަޝްހޫރުކަން ހޯދާފައިވާ ދީނާ އަޙްމަދު (ޖެރީ)ގެ އިތުރުން އޮސްޓްރޭލިއާގައި ދިރިއުޅުމަށް ފަހު މިހާރު ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ މޮޑަލް ރޫބީ ފަޒާލް ހިމެނެއެވެ.

މި ދެތަރިންގެ އިތުރުން، ނެށުމުގެ ދާއިރާއިން ހޫނު ތަރުހީބެއް ހޯދާފައިވާ ރަފްހާން ޝަރީފް (ކޮއްކޮ)އާއި އިބްރާހިމް ސާލިމް އިސްމާއިލް (ބަގްސީ)ވެސް މި ސީރީޒްގައި އެމީހުންގެ އެކްޓިންގެ ހުނަރު ދައްކުވައިދީފައި ވެއެވެ. މި ދެތަރިންގެ އިތުރުން ޖިމް އިންސްޓްރަކްޓަރެއްގެ ވަޒީފާގައި ބުރަކޮށް އުޅެމުން އަންނަ އަހްމަދު ޖިލިއަން ރަޝާދު ވެސް "އޮފީސް ލޯބި"އިން ތަފާތު އައްތެއްގައި ފެންނާނެއެވެ.

މީގެ އިތުރުން ދާއިރާގައި މިހާރު މަޑުމަޑުން ނަމަވެސް ކުރިއަރަމުން އަންނަ އަލީ އިނާޒް (އައްޔަ)ގެ ވަރަށް ތަފާތު އެހެން ނަމަވެސް ވަރަށް މޮޅު އެކްޓިންއެއް މި ސީރީޒުން ފެނިގެން ދާނެއެވެ.

އައު މޫނުތަކުގެ އިތުރުން މިހާރު ބައެއް އެހެން ޕްރޮޖެކްޓުތަކުންނާއި ޓީވީ ޝޯތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓު ކުރުމުން ވެސް އާންމުންގެ މަގްބޫލުކަން ހޯދައިފައިވާ އާމިނަތު ޝުހާ ވެސް "އޮފީސް ލޯބި"ގައި ވަރަށް ތަފާތު އެކްޓެއް ދައްކައިދީފައިވެއެވެ. ޝުހާގެ އިތުރުން ހަމަ އެފަދައިން ޝޯ ޕްރޮޑިއުސްކޮށް ޕްރެޒެންޓު ވެސް ކުރަމުން އަންނަ މުހައްމަދު ޝިވާޒްގެ ނަމަކީ ވެސް މިސީރީޒުން ވައްޓައިލެވޭނެ ނަމެއް ނޫނެވެ.

ދާއިރާއަށް އައު މޫނުތަކާއި، ދާއިރާއިން މިހާރު ވެސް ފެންނަ މޫނުތަކުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އެހެން ނަމަވެސް މިހާރު މުނިފޫހިފިލުވުމުގެ ދާއިރާގައި ވެސް ފައިތިލަ ސާބިތުކުރަމުން އަންނަ މުހައްމަދު އަފްރާހުގެ ހުނަރުވެރި މޮޅު އެކްޓިންއެއް މި ސީރީޒުން ފެންނާނެއެވެ. އޭނާގެ އިތުރުން މަރްޔަމް ވަހީދާ (ޔަމް) ވެސް "އޮފީސް ލޯބި" ގައި މުހިންމު އައްތަކުން ފެނިގެންދެއެވެ.

 

އައު ތަރިންނާ އެކު އުފެއްދި މިސީރީޒާ ބެހޭ ގޮތުން ޑައިރެކްޓަރ އަމީ ބުނީ ސީރީޒްގެ މުޅި ޝޫޓިންގ ދިޔަ ގޮތާ މެދު ވެސް ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"އެންމެންގެ އެކްޓިންގ ވެސް ވަރަށް މޮޅު. ވަރަށް ހިތްހަމަ ޖެހޭ. އަލަށް ދާއިރާއަށް ތައާރަފުވި ނަމަވެސް، އެ ކުދިންގެ ހުނަރު ވަރަށް ބޮޑަށް ފެނިގެން ދިޔަ. އަދި ދެން ތިބި ކުދިންގެ އެކްޓިންގ ވެސް އެހައި މޮޅު. އެހެންވެ ވަރަށް ހިތްހަމަ ޖެހޭ" އަމީ ބުންޏެވެ.

މި ސީރީޒް އިން އަލަށް މި ދާއިރާއަށް ތައާރަފުވާ ތަރިން ބުނީ، މިއީ ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ވަރަށް އުފާވޭ ސެޓަށް އައިސް އުޅޭއިރު. އެންމެންގެ ފަރާތުން އެހީތެރިކަން ވެސް ލިބޭ. އެއްވެސް ވަރަކަށް ފީލްއެއް ނުކޮށްދޭ އަލަށް އައިސް އުޅޭ ކަމެއް" ޖެރީ ބުންޏެވެ.

"ވަރަށް މަޖާ، ވަރަށް އުފާވެރި ތަޖުރިބާއެއް. ބައެއް ފަހަރު ވަގުތުތައް މެނޭޖްކުރަން އުނދަގޫ ވިޔަސް، ވަރަށް ހިތްހަމަ ޖެހުނު. އަދިވެސް ކުރިއަށް ދާން ބޭނުން ވަނީ" ރޫބީ ބުންޏެވެ.

"އުންމީދު ކުރަނީ ރަނގަޅަށް އެކްޓިންގެ ހުނަރު ވެސް ދައްކުވައިދެވުނު ކަމަށް. ތަފާތު އެހެން ނަމަވެސް އުފާވެރި ތަޖުރިބާއެއް" ރަފްހާން ބުންޏެވެ.

"ސީރީޒްގައި ލިބުނު ކެރެކްޓާއާ މެދު ވަރަށް ހިތްހަމަ ޖެހޭ. ދާއިރާގައި އެކްޓިންގެ އިތުރުން އެހެން ގޮތްތަކުން ވެސް ކުރިއަށް ދާން ގަސްދު ކުރަނީ" ބަގްސީ ބުންޏެވެ.

މަޝްހޫރު މޭކަޕް އާޓިސްޓު ހަސަން އާދަމްގެ މޭކަޕް ފިހިތަކުގެ ޖާދޫއިން ތަރިންގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާ މި ސީރީޒްގެ ސިނެމެޓޮގްރަފީ ހަދައިދީފައި ވަނީ ކުޅަދާނަ ކެމެރާމަން ދަބާއާއި އައިމަންއެވެ. ސައުންޑް ނަގައިދީފައި ވަނީ ހުމާމްއެވެ.

އޮފީހެއްގެ ތެރޭގައި ހިނގާ ހެއްވާ މަޖާ، އެހެން ނަމަވެސް އާންމު ދިރިއުޅުމުގައި ވެސް ކުރިމަތިވަމުން އަންނަ ބައެއް ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒް، ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަނާ އެކު ވަރަށް އަވަހަށް ބެލުންތެރިންނަށް ފެނިގެން ދާނެކަމަށް މައުލޫމާތު ލިބެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!