ޢީދު ދުވަސް ނުވަތަ އެހެން މުނާސަބަތެއްގައި ނަމަވެސް ހަވާ އަރުވައިދެވޭތޯ ބަލާނަން: ކާނަލް

ޢީދު ދުވަސް ނުވަތަ އެނޫން ކޮންމެ ވެސް މުނާސަބަތެއްގައި، ޅ. ކުރެންދޫގެ ރައްޔިތުންނަށް ހަވާ އަރުވައިދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.
ކާނަލް މިހެން ވިދާޅުވީ، ކުރެންދޫ ކައުންސިލުގެ ރައީސްކަމުގެ އިންތިހާބު ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާއިލް މާދިހް ކާމިޔާބު ކުރައްވައިފި ނަމަ، އެރަށުގައި ހަވާ އަރުވައިދޭނެ ކަމަށް ކާނަލް ވެވަޑައިގެންނެވި ވައުދު ފުއްދައި ދެވޭނެ ގޮތް ނުވުމުންނެވެ.
ކުރެންދޫގައި ހަވާ އެރުވުމުގެ ހިދުމަތަށް އެދި ސިފްކޯގައި އެދުމުން، ސިފްކޯއިން ވިދާޅުވެފައި ވަނީ އެއްވެސް ސިޔާސީ ހަރަކާތެއްގައި ހަވާ އަރުވައި ދިނުމުގެ ހުއްދަ ލިބިފައި ނުވާ ކަމަށެވެ. ހުއްދަ ހޯދޭތޯ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް ފޯނުން ގުޅުއްވައި މެސެޖު ވެސް ކުރެއްވި ކަމަށާއި އެހެން ނަމަވެސް މިނިސްޓަރ މާރިޔާ އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށް ކާނަލް ވިދާޅުވިއެވެ.
ކުރެންދޫގައި މިރޭ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކާނަލް ވިދާޅުވީ މަދީހު އިންތިހާބުން ކާމިޔާބުވުމުން ހަވާ އަރުވައި ނުދެވުނު ކަމުގައި ވިޔަސް ޢީދު ދުވަހު ނުވަތަ އެ ނޫން ވެސް މުނާސަބަތެއްގައި ހަވާ އަރުވައި ދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ހަވާ އަރުވާ ނުދީފިއްޔާ ހަވާ އެރުވުމަށް އަޅުގަނޑުމެން ކަނޑައަޅައިފައިވާ ބަޖެޓު ކުރެންދޫ ކައުންސިލާ އަޅުގަނޑުމެން ހަވާލު ކުރާނަން. އިޖުތިމާއީ ފައިދާ ހުރި ކޮންމެ ވެސް އެހެން މަސައްކަތެއް އެބޭފުޅުން އެ ފައިސާއިން ކުރައްވާނެ" ކާނަލް ވިދާޅުވިއެވެ.
ކާނަލް މީގެ އިތުރުން ވިދާޅުވީ ޕީޕީއެމްއަށް މި ލިބުނު ކާމިޔާބީ މި ސަރުކާރަށް އުޅެނީ ވަރަށް ބޮޑަށް "ހަޖަމު" ނުވެގެން ކަމަށެވެ.