ބޮލީވުޑް މުނިފޫހިފިލުވުން

އަބީޝެކްއަށް މަލާމާތް ރައްދުވާތީ އައިޝްވާރިޔާ ނަސޭހަތްތެރިވޭ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަބީޝެކް ބައްޗަން އާއި އަންހެނުން އައިޝްވާރިޔާ ރާއީ ބައްޗަން

ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަންއަކީ އަބަދުވެސް ތަފާތު އެކި ކަންކަމުގައި މީހުންގެ މަލާމާތް ރައްދުވާ މީހެކެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އާންމުކޮށް އެންމެ ގިނައިން އަބީޝެކަށް ފުރައްސާރަ ރައްދު ވަނީ އޭނާގެ ފިލްމީ ހަޔާތް ނާކާމިޔާބުކަމަށް ބުނެއެވެ. މިކަމަށް އިނގިލި ދިއްކުރެވޭ އެންމެ ބޮޑު ސަބަބަކީ އަބީޝެކްގެ ބައްޕަ އަމީތާބް ބައްޗަންއަކީ ބޮލީވުޑްގައި މިހައިތަނަށް އުފެދުނު އެންމެ ވަރުގަދަ އެކްޓަރަށްވުމުން ވެސް މެއެވެ.

Ads by STELCO

ސޯޝަލް މީޑިއާގައި އަމާޒުވާ ފާޑުކިޔުންތަކަށް އަބީޝެކް ދެނީ ފިނި ރައްދެކެވެ. ގިނަ ފަހަރު ރައްދެއް ނުވެސް ދެއެވެ. މިކަމުގެ ސަބަބުން އަބީޝެކްގެ ފޭނުން އޭނާއާ އިތުރަށް ގަޔާވެއެވެ.

ދާދި ފަހުން ދަސްވީ ސްޓާގައި އަބީޝެކްއަށް ރައްދުވާ މިފަދަ ފާޑުކިޔުންތަކާއި، މަލާމާތާ ގުޅިގެން އަންހެނުން އައިޝްވާރިޔާ ރާއީގެ ރައުޔަކީ ކޮބައިތޯ ސުވާލު ކުރެވުނެވެ.

"އަހަރެންގެ އަންހެނުން އެއްފަހަރަކު ބުނި، 10،000 ޕޮޒިޓިވް ކޮމެންޓު ލިބުނަސް އަސަރު ކުރާނީ ފެންނަ އެންމެ ނެގެޓިވް ކޮމެންޓޭ. އެކަމަކު އެކޮމެންޓަށް ސަމާލުކަން ނުދީ ޕޮޒިޓިވް ކޮމެންޓުތަކަށް ސަމާލުކަންދޭށޭ. އޭރުން ޕޮޒިޓިވް ދުނިޔޭގެ ރީތިކަން ފެންނާނެކަން އަންހެނުން ހަނދާން ކޮށްދޭ" އަބީޝެކް ބުންޏެވެ.

އޭނާ ބުނީ އަންހެނުން އެގޮތަށް ވިސްނައިދޭން މަސައްކަތް ކުރާތީ އަބަދުވެސް ނެގެޓިވް ކޮމެންޓުތައް ދޫކޮށްލުމަށް ފަހު އުފާވެރި ހިޔާލުތަކަށް އިސްކަންދޭކަމަށެވެ. އަބީޝެކް ބުނީ މަސައްކަތެއްގައި ފެއިލްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ފެއިލިއާގެ ސަބަބުން ތިމާއަށް ކުރާ އަސަރު ވަރަށް މުހިންމު ކަމަށް ބުންޏެވެ.

އަބީޝެކް ބުނި ގޮތުގައި ކޮންމެ ފަހަރަކު ފެއިލްވިޔަސް އެއީ ފިލާވަޅެއްކަމުގައި އޭނާ ދެކެއެވެ.

ކާމިޔާބު ބަތަލާ އައިޝްވާރިޔާ ރާއީއަކީ މިސް އިންޑިއާގެ މަގާމު ހޯދައި މިހައިތަނަށް ދުނިޔެ ދުށް އެންމެ ރީތި މިސްވޯލްޑު ވެސް މެއެވެ. މިސްވޯލްޑު ކްރައުން ލިބުނު ކުދިންގެ ތެރެއިން އެންމެ ރީތި މޫނުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އައިޝްވާރިޔާގެ ނަން އަދިވެސް ގުނައެވެ.

އަބީޝެކްއަކީ ބޮލީވުޑްގައި މާ ކާމިޔާބު ފިލްމުތަކެއް ކުޅުނު އެކްޓަރެއް ނޫނެވެ، އެހެން ނަމަވެސް ފަހުގެ ތާރީހުތަކުގައި އޭނާ ވަނީ މޮޅެތި ރޯލްތަކެއް ކުޅެފައެވެ. އެގޮތުން އެންމެ ފަހުން ރިލީޒްވި "ބޮބް ބިސްވާސް" ވެގެން ދިޔައީ އަބީޝެކްގެ އެންމެ ފާހަގަކޮށްލެވުނު އެއް މަސައްކަތަށެވެ. މިކަން ބެލުންތެރިން ވެސް ފާހަގަކުރިއެވެ.

އަބީޝެކް މިހާރު ތައްޔާރުވަމުން ދަނީ "ދަސްވީ" ރިލީޒްކުރުމަށެވެ. މިފިލްމު ޓްރެއިލާއަށް ތައުރީފުކޮށް އޭނާގެ ބައްޕަ އަމީތާބު ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!