ސްކޫލް ދައުރުގެ ބޭނުން ހެޔޮގޮތުގައި ހިފަން ދަރިވަރުން އަޒުމު ކަނޑައަޅަންޖެހޭ: ނައިބު ރައީސް
ސްކޫލް އުމުރަކީ ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި، ސްކޫލް ދައުރުގެ ބޭނުން ދަރިވަރުން ހެޔޮ ގޮތުގައި ހިފަން އަޒުމު ކަނޑައަޅަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، ކުޅިވަރުގެ ރޮނގުން ދަރިވަރުން ހޯދާ ކާމިޔާބީ ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ދެމުން އަންނަ "ކަލަރސް އެވޯޑްސް" ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކަލަރސް އެވޯޑްސް 2020-2019 ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމެއްގެގޮތުގައި އޮތީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ.
ވަކިން ޚާއްސަކޮށް ދަރިވަރުންގެ ދުޅަހެޔޮކަމާއި ޞިއްޙަތަށް ޚާއްސަ އިސްކަމެއް ސަރުކާރުން ދެއްވާ ކަމަށާއި މި ސަރުކާރުގެ ފެށުން ވެސް ވެގެންދިޔައީ ކުޅިވަރުގެ ޢީދަކުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އަލަށް ތަޢާރަފުކުރި ނާސްތާ ޕްރޮގްރާމަކީ ވެސް މިރޮނގުން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މީގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ދަރިވަރުންނަށް ކުރިކަމަށާއި، ކުޅިވަރުގެ ހަރަކާތްތަކުގައި ދަރިވަރުން ޝާމިލުވާ މިންވަރު އިތުރުކުރެވުނުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ސްކޫލް ދުވަސްވަރަކީ ވަރަށް މުހިއްމު ދުވަސްވަރެއްކަން ފާހަގަކުރައްވައި އެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަމިއްލަފުޅު ތަޖުރިބާގެ އަލީގައި ދަރިވަރުންނަށް ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.
"ސްކޫލް އުމުރަކީ ލިބޭ ރަނުގެ ފުރުޞަތެއް. ސްކޫލް ދުވަސްވަރު ދަރިވަރުން ހެޔޮ ގޮތުގައި ބޭނުންކުރުމަށް އަޒުމު ކަނޑައަޅަން ޖެހޭ. ހަމައެކަނި ތައުލީމު އުނގެނުމަކީ މަދަރުސާގެ ހަތަރު ފާރުގެ ތެރޭގައި އޮންނަކަމެއް ނޫން. ކުޅިވަރުން ވެސް އެތައްކަމެއް ދަސްވޭ. ހެލިފެލިވެ ކަސްރަތުކޮށް އުޅޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ" ނައިބު ރައީސް ވިދާޅުވިއެވެ.
"ކަލަރސް އެވޯޑްސް"އަކީ ސްކޫލްތަކާއި ދަރިވަރުން އަދި ބެލެނިވެރިން ކުޅިވަރަށް ކުރާ ހޭދައާއި ހޯދާ ކާމިޔާބީގެ އަގުވަޒަންކޮށް ޤައުމީ ފެންވަރުގައި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް ތަޢާރަފްކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ. މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި ކުޅިވަރުގެ އެކި ދާއިރާތަކުން 232 އެވޯޑު 225 ދަރިވަރަކަށް ލިބިފައިވެއެވެ.