ރޭއަޅުކަމަކީ ދުވާލު ފާފަކޮށް އުޅޭ މީހުންނަށް ﷲ ދެއްވާ ޝަރަފެއް ނޫން
އަހަރެމެންނާ ބައްދަލުކޮށްފައި މި އޮތީ ހެޔޮކަމުގެ މޫސުމެކެވެ. ބޭނުން މިންވަރަކަށް ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލެވެން އޮތް ރަނުގެ ފުރުޞަތެކެވެ. ހެޔޮ ކަންކަމަށް އަވަސްވުމަށް ނިދާ އިއްވިގެންދާ މި މޫސުމުގައި ހެޔޮކަންކަން ގިނަކުރުމަކީ އަހަރެމެންނަށް އޮތް ބާއްޖަވެރިކަމެކެވެ.
ފަރުޟު ފަސްނަމާދަށް ސަމާލުވުމުގެ އިތުރުން މި މަހުގައި ޚާއްޞަކޮށް ކުރާން އޮތް އެންމެ މަތިވެރި އެއް އަޅުކަމަކީީ ކީރިތި ޤުރުއާން ކިޔެވުމެވެ. އޭގެ ކަލިމަތަކަށް ވިސްނައި ފިކުރުކުރުމެވެ. ރަމަޟާން މަހަކީ އެ ޤުރުއާން ބާއްވައިލެއްވި މައްސަރަށް ވެފައި އެ މަހުގައި ކީރިތި ޤުރުއާން މުރާޖަޢާ ކުރެއްވުން ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޢަމަލުފުޅުން ދައްކަވައިފައެވެ. ކޮންމެ ރަމަޟާން މަހެއްގައި ޖިބްރީލް އަމީން ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހަށް ވަޑައިގެން ދެ ބޭކަލުން އެކީގައި ޤުރުއާން މުރާޖަޢާ ކުރައްވައެވެ. އަދި ރަޞޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔޭގައި ހޭދަ ކުރެއްވި އެންމެ ފަހު ރަމަޟާން މަހުގައި ދެ ބޭކަލުން އެކީގައި ޤުރުއާން އެކީއެކަށް ދެ ފަހަރު މުރާޖަޢާ ކުރެއްވިއެވެ.
ޤުރުއާން ކިޔެވުމުގެ އިތުރުން ވެސް މި މަހުގައި ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލާން ކުރެވެން އޮތް އަޅުކަންތައް ބައިވަރެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރުމާއި ޞަދަޤާތް ކުރުމާއި ކަށުނަމާދުގައި ބައިވެރިވުން މިއީ މަތިވެރި އަޖުރު ލިބޭ ކަންކަމެކެވެ.
އަބޫހުރައިރަތުފާނުގެ ވިދާޅުވެފައި ވެއެވެ.ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ތިމަންކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ސުވަރުގެ ވަދެވޭނެ ޢަމަލެއް ވިދާޅުވެދެއްވާށެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ.
أفشوا السلام، وأطعموا الطعام، وصلّوا بالليل والناس نيام، تدخلوا الجنة بسلام
ސަލާމް ފަތުރާށެވެ. އަދި ނިކަމެތީންނަށް ކާންދޭށެވެ. އަދި މީހުން ނިދާފައި ތިބޭއިރު ރޭގަނޑު އަޅުކަން ކުރާށެވެ. ސަލާމަތާ ރައްކާތެރިކަމާ އެކު ސުވަރުގެއަށް ވަންނާށެވެ.
ރޭގަނޑުގެ އަޅުކަމަކީ ﷲ ތަޢާލާގެ ޚާއްޞަ އަޅުތަކުންނަށް އެ އިލާހު މިންވަރު ކުރައްވާ ކަމެކެވެ. އެއީ ކޮންމެކޮންމެ މީހަކަށް ޙާޞިލްވާނޭ ކަމެއް ނޫނެވެ. ކޮންމެ މުއުމިނު އަޅަކަށް ﷲ ތައުފީގު ދެއްވާ ކަމެއް ނޫނެވެ. އެއީ އެކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށާއި ދަރުމައާއި ސަވާބަށް އެދޭ ޚާއްޞަ އަޅުންނަށް ދެއްވާ ޝަރަފެކެވެ. އެ ޝަރަފަކީ ދުވާލު ފާފަކޮށް އުޅޭ މީހުންނަށް ﷲ ދެއްވާނޭ ޝަރަފެއް ނޫނެވެ.
(ޑރ.ޢަލީ ޒާހިރުގެ ދަރުހަކުން)