ރިތިކްގެ އައު ލޯބިވެރިޔާއާ މެދު ސަޕޯޓަރުން ހިތްހަމައެއް ނުޖެހުނު
މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އޭނާގެ އަލަތު ކައިވެނި ރޫޅައިލިތާ ދުވަސްތަކެއް ވެއްޖެއެވެ. އޭގެ ފަހުން އަޑު ފެތުރުނީ ބަތަލާ ކަންގަނާ ރަނައުއަތާ އެކު ރިތިކް ލޯބީގެ ގޮތުން ގުޅުނު ކަމަށެވެ. އެހެން ނަމަވެސް މާގިނަ ދުވަހެއް ނުވެ އެގުޅުން ވެސް ނިމުމަކަށް އައެވެ.
މިހާރު ރިޕޯޓުތައް ބުނާ ގޮތުން ރިތިކް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މިއުޒީޝަން އަދި އެކްޓްރެސް ސަބާ އާޒާދްއާއެވެ. މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތަކުގައި ވެސް ދެތަރިން އެކަކު އަނެކަކާ އިންޓަރެކްޓްކޮށް ހަދައެވެ.
ރިތިކްއާއި ސަބާ އެކުގައި އަންގާރަ ދުވަހު މުމްބާއީ އެއާޕޯޓުން ވަނީ ފެނިފައެވެ. ދެތަރިން ތިބީ އަތް ގުޅުވައިލައިގެންކަން ބައެއް ފޮޓޯތަކުން ފެނެއެވެ. މިފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން މާގިނަ ވަގުތެއް ނުނެގިއެވެ.
މިމަންޒަރު ރިތިކްގެ ސަޕޯޓަރުންނަށް މާ ކަމަކު ނުދިޔައެވެ. ބައެއް މީހުން ބުނި ގޮތުގައި ރިތިކަށް ވުރެ ސަބާ އުމުރުގެ ގޮތުން މާ ހަގީއެވެ. ސަބާ ހީވަނީ ރިތިކްގެ ދަރިއެއްކަމަށް ވެސް ފޮޓޯތައް ދައުރުކުރަމުން ބައެއް މީހުން ބުންޏެވެ.
ސަބާއާއި ރިތިކް ލޯބީގެ ގޮތުން ގުޅިގެން އުޅެން ރިތިކްގެ އާއިލާއިން ވެސް ރުހޭކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ރިތިކްގެ ކުރީގެ އަންހެނުން ސުސޭން ވެސް ސަބާއާ ވަރަށް ގުޅޭކަމަށް ވެއެވެ.
ރިތިކް ސުސޭންއާ ވަކިވުމަށް ފަހު ދެމީހުން އަލުން ކައިވެނިކޮށްފާނެކަމަށް އަޑު ފެތުރުނެވެ. އެހެން ނަމަވެސް ފަހުން އެވާހަކަތައް ރިތިކް ދޮގުކުރިއެވެ. އަދި ބުނީ ދެން ސުސޭންއާ ދުވަހަކު ވެސް ނީންނާނެ ކަމަށެވެ.
ރިތިކް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދިޕިކާ ޕަޑުކޯންއާ އެކު ފިލްމު "ފައިޓް" އިންނެވެ. މިފިލްމުގެ ޝޫޓިން އަދި ނުފަށައެވެ.
އަނެއްކޮޅުން ސަބާގެ ވެބް ސީރީޒްއެއް މިހާރު ދަނީ ސްޓްރީމް ކުރަމުންނެވެ. "ރޮކެޓް ބޯއީޒް" ނަމަކަށް ކިޔާ މި ސީރީޒްގެ ކުރިން ވެސް ސަބާ ބައެއް ފިލްމީ މަސައްކަތްތައް ކޮށްފައި އެބަހުއްޓެވެ.