މިއަހަރުގެ ޙައްޖުގައި އެއްމިލިއަން މީހުންނަށް ބައިވެރިވެވޭނެ
މިއަހަރުގެ ޙައްޖުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއް މިލިއަން މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ދޭނެކަމަށް ސަޢުދީ ސަރުކާރުން ހާމަކޮށްފިއެވެ.
ސައުދީ ސަރުކާރުން ވިދާޅުވީ، އެއް މިލިއަން މީހުން މިއަހަރު ހައްޖުވުމަށް ހުއްދަ ދީފައިވާ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ އަދަދެއްގެ މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ ކަން ކަށަވަރުކުރުމަށާއި ރައްކާތެރި މާހައުލެއްގައި އަޅުކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް އެކި ގައުމަކުން އަންނަ މީހުންގެ އަދަދު ކަނޑައަޅައިފައި ވަނީ ކޮންމެ ގައުމަކަށް ވެސް ހަމަޖައްސާފައިވާ ކޯޓާތަކާ އެއްގޮތަށް އަދި ސިއްހީ ގޮތުން ދޭ ހުރިހާ ލަފާތަކަށް ރިއާޔަތްކޮށެވެ.
މިއަހަރުގެ ޙައްޖުގެ ފުރުޞަތު ހުޅުވައިލައިފައި ވަނީ އުމުރުން 65 އަހަރުން ދަށުގެ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން އެޕްރޫވްކޮށްފައިވާ ކޯވިޑް-19 ވެކްސިން ލިބިފައިވާ ފަރާތްތަކަށެވެ. އަދި ސައުދީ އަރަބިއްޔާއިން ބޭރުން އަންނަ ހައްޖުވެރިން، ސައުދީ އަރަބިއްޔާއަށް ފުރާތާ 72 ގަޑިއިރުގެ ތެރޭގައި ހަދާ ކޮވިޑް-19 ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހެއެވެ.
ހައްޖުގެ އަޅުކަން އަދާކުރާއިރު ސިއްހީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި، ސިއްހީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ސަމާލުކަންދީ ހައްޖުގެ އަޅުކަން އަދާކުރާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސައުދީ ސައުކާރުން ވަނީ އަންގައިފައެވެ.