މަސްވެރިންނަށް ހައްލު ހޯދައިދިނުމަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި
ދެކުނަށް މަސްވެރިކަން ރަނގަޅުވެ މަސް ގަންނަ އަދަދު ކޮންޓްރޯލްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވައިލާ ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މަޖިލީހަށް މި މައްސަލަ ހުށައެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފެވެ.
މެންބަރު ޙުސައިން ހުށައެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު، ޚާއްސަކޮށް ދެކުނުގެ މަސްވެރިކަން ރަނގަޅު ވެފައިވާއިރު ކޫއްޑޫއިން މަސްގަންނަ މިންވަރު 4 ޓަނަށް ލިމިޓްކޮށްފައިވާ ކަމަށާއި އެހެން ކުންފުނިތަކުން ވެސް މަސްގަންނަ މިންވަރު 5-7 ޓަނަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން މި ރަމަޟާންމަހު ގަދަ އަވީގައި ކަނޑުމަތީ ދުއްވައިގެން މަސްވެރިން ބާނާ މަސްކޮޅު ކިރުވަން ހަފްތާއެއްހައި ދުވަހު ކިޔޫގައި މަޑުކުރަންޖެހޭ ކަމަށާއި، ބައެއް ދޯނިތަކުން 70 ވަރަކަށް ޓަނުގެ މަސް އުކާލަން ޖެހި، ކޮންމެ ދުވަހަކު ކިރައިލެވޭ މިންވަރަށް މަސްބޭނުމަކީ މަސްވެރިނަށް ޚަރަދުގެ ގޮތުން ވެސް ދެކޮޅުޖެހޭ ކަމަކަށް ނުވާ ކަމަށެވެ.
އަދި ބައެއް މަސްވެރިން މަހަށް ނުގޮސް ތިބެންޖެހުމުގެ ސަބަބުން އެތައް މަސްވެރި ޢާއިލާއަކަށް ލިބެންވާ އާމްދަނީ ނުލިބި މަސްވެރި ޢާއިލާތަކަށް ދަތިތައް ކުރިމަތިވެ މަސްވެރިންގެ ޖީބުތައް ހުސްވެފައިވާ ކަމަށް އެ މައްސަލައިގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މަސްވެރިކަން ކުރުމަށް ބޭނުންވާ ޑީސަލްގެ އަގު ބޮޑުވުމާއި ލިބުން ދަތިވެފައިވާ ކަމަށާއި މިއަދާ ހަމައަށް ވެސް މަސްކިރުމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ޙައްލެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތީއާއި
މަސްރައްކާކުރާ ކެޕޭސިޓީ އިތުރު ނުވެ މިމައްސަލަތައް ކޮންމެ ފަހަރަކު ތަކުރާރުވަމުންދާ ކަމަށް ވެސް އެ މައްސަލައިގައި ވިދާޅުވެފައިވެއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން މައްސަލަ ބަލައިގަތުމާ ދެކޮޅަށް 41 މެންބަރުން ވަނީ ވޯޓު ދީފައެވެ.