ބޮލީވުޑް މުނިފޫހިފިލުވުން

ޝާހުގެ ނަސޭހަތް އަބީޝޭކަށް: ފަހަތުން ކުއްތާއެއް ދުވިޔަސް ނުދުވާތި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ބޮލީވުޑްގައި އެތައް އަހަރެއް މަސައްކަތް ކުރުމަށް ފަހު އެކްޓަރު އަބީޝޭކް ބައްޗަން އޭނާގެ ކާމިޔާބު ދުވަސްވަރާ ބައްދަލުކުރީ މިދިޔަ 2020ވަނަ އަހަރުގެ ތެރޭގައެވެ. އޭނާގެ އެންމެ ފަހުން ރިލީޒްވި "ދަސްވީ" ވެސް ވެގެން ދިޔައީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު ފިލްމަކަށެވެ. "ދަސްވީ"އާ އެކު އަބީޝޭކްގެ ތަފާތު ހުނަރެއް ބަލައިލަން ބެލުންތެރިންނަށް ލިބުނެވެ.

Ads by Sosun Fihaara

ފިލްމީ ހަޔާތުގައި ކުރެވުނު ތަޖުރިބާއާ ގުޅޭ ގޮތުން މެޝަބްލްއާ ވާހަކަ ދައްކަމުން އަބީޝެކް ވަނީ ފިލްމީ ދާއިރާއަށް ނިކުތުމަށް އޭނާ ތައްޔާރުވަމުން ދިޔައިރު ސުޕަސްޓާ ޝާހުރުކް ޚާން ދިން ނަސޭހަތެއްގެ ވާހަކަ ކިޔައިދީފައެވެ.

"އަހަރެންނާއި އުދޭ ޗޯޕްރާ ފިލްމަށް ފުރަތަމަ ، ތައްޔާރުވަމުން ދިޔައިރު ވަރަށް މުހިންމު ނަސޭހަތެއް ދިން. ޝާހު ބުނީ ދެ ވައްތަރެއްގެ އެކްޓަރުން އުޅޭނެޔޭ. ދެވައްތަރުގެ އެކްޓަރުން ވެސް ދުވާނެޔޭ. އެކަމަކު މޮޔަ ކުއްތާއެއް ފަހަތުން ދުވާތީ ދުވާނީ އެއް ވައްތަރުގެ އެކްޓަރުންނޭ. އަނެއް ވައްތަރުގެ އެކްޓަރުން ދުވާނީ އެމީހުން ދުވަން ބޭނުންވާތީއޭ" ޝާހު ދިން ނަސޭހަތް ހަނދާނަށް ގެންނަމުން އަބީޝެކް ކިޔައިދިނެވެ.

ޝާހު ބުނީ ކުއްތާއެއް ފަހަތުން ދުވާތީ އެކްޓަރަކު ދުވަން ނުޖެހޭނެ ކަމަށެވެ. މާނައަކީ އެކްޓު ކުރުމުގެ ނަމުގައި އެކްޓު ނުކުރުމަށާއި އެކްޓުކުރަން ބޭނުންވެގެން އެކްޓުކުރާ ނަމަ ކާމިޔާބު ވާނެކަމަށެވެ.

ޝާހުއާއި ބައްޗަން އާއިލާއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ޝާހުގެ އެންމެ ހަގު ދަރި އަބްރަމް ދެކެނީ އަމީތާބު ބައްޗަންއަކީ އޭނާގެ ކާފަގެ ގޮތުގައެވެ. އަބީޝޭކްގެ މަންމަ ޖަޔާ ބައްޗަން ވެސް ވަނީ ޝާހުއަކީ އޭނާގެ ދަރިއެއް ފަދަ ކުއްޖެއްކަމަށް މީޑިއާގައި ބުނެފައެވެ.

އަމީތާބަކީ އިންޑިއާގެ ސިނަމާގެ ހަޔާތުގައި އުފެދުނު އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އެއް އެކްޓަރެވެ. އެހެން ނަމަވެސް އޭނާގެ ދޮށީ ދަރި އަބީޝެކް އެތައް އަހަރެއް ވަންދެން އެކްޓަރުންގެ ލިސްޓުގެ ކުރިއަށް އަންނަން ވަނީ ނުކުޅެދިފައެވެ. އަބީޝޭކްގެ މޮޅެތި މަސައްކަތްތައް ފެންނަން ފެށީ ބައެއް އޯޓީޓީ ޕްލެޓްފޯމުތަކުގައި މަސައްކަތްތައް ރިލީޒްކުރަން ފެށި ފަހުންނެވެ.

މި ފަހަކަށް އައިސް ޝާހުގެ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ ގިނަ މަސައްކަތްތަކެއްގައި އަބީޝޭކް ދަނީ ކާސްޓުކުރަމުންނެވެ. ޝާހުގެ އިތުރުން އެކްޓަރު އަޖޭ ދޭވްގަން ވެސް ދަނީ އަބީޝޭކްގެ ގިނަ ފިލްމުތަކަކަށް ފަންޑުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!