"ޑެޕިއުޓީ ޕީޖީގެ މަގާމުގައި ކުރިން ހުންނެވީތީ އާޒިމާގެ ވަކީލަކަށް ނިހާޔަތަށް ބައިވެރި ނުވެވޭނެ"
ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ މަރިޔަމް ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނެފިއެވެ.
މިއަދު ހައިކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލަ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައި ވަނިކޮށް ދައުލަތުން އާޒިމާގެ މައްޗަށް އުފުލައިފައިވާ ދައުވާ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުގެ އިސްތިއުނާފީ މައްސަލައެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ވެސް އާޒިމާއެވެ.
އާޒިމާގެ ފަރާތުން ދިފާއީ ވަކީލުންގެ ގޮތުގައި މި މައްސަލައިގައި ބައިވެރިވެފައި ވަނީ ނިހާޔަތުގެ އިތުރުން ކުރިން ޕީޖީ އޮފީހުގައި މަސައްކަތްކުރި އެހެން ވަކީލެއް ކަމަށްވާ ފަޒްނާ އަހުމަދެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، އާޒިމާގެ މި މައްސަލަ ޕީޖީ އޮފީހަށް ލިބުނު އިރު ނިހާޔަތު މަސައްކަތް ކުރެއްވީ ޕީޖީ އޮފީހުގައި ކަމަށެވެ. އަދި މި މައްސަލައިގެ ބްރީފިންތަކާއި މަޝްވަރާތަކުގައި އޭނާގެ ބައިވެރިވުން އޮވެދާނެ ކަމަށާއި އަދި ޕީޖީ ނުހުންނަ ހާލަތެއްގައި އޮފީހުގެ އެންމެ އިސްވެރިޔަކަށް ވެސް ހުންނަ ފަރާތަކީ އެއީ ކަމަށް ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން މި މައްސަލައިގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލާގެ އެ ވާހަކަތަކަށް އިއުތިރާޒު ކުރައްވަމުން ނިހާޔަތު ވިދާޅުވީ މި މައްސަލައިގައި އެއްވެސް ގޮތަކަށް ބައިވެރިވެފައި ނުވާނެ ކަމަށާއި އަދި އެއްވެސް ލިޔުމެއްގައި ވެސް ސޮއިކޮށްފައި ނުވާނެ ކަމަށެވެ. އޭނާގެ އިތުރުން އެހެން ޑެޕިއުޓީ ޕީޖީއެއް ހުންނަ ކަމަށާއި، ޕީޖީ ނުހުންނަ ހާލަތެއްގައި އޮފީހާ ހަވާލުވެ ކަންކަން ނިންމަނީ އޭނާ އެކަނި ނޫން ކަމަށް ވެސް ނިހާޔަތު ވިދާޅުއެވެ. އަދި އާޒިމާގެ ދައުވާ ފޯމުގައި ސޮއިކޮށްފައި ވަނީ ދެވަނަ ޑެޕިއުޓީ ކަމަށްވާ މަހުމޫދު ސަލީމް ކަމަށް ވެސް ވިދާޅުވިއެވެ.