ފުރަތަމަ 11 ދުވަހު ޒަކާތުގެ ގޮތުގައި 8 ލައްކަ ރުފިޔާ
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމުނު އިރު 19523 މީހުން ޒަކާތް ދައްކައިފައިވާ ކަމަށާއި އެއީ 878،646.00 ( އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހަ) ރުފިޔާ ކަމަށެވެ.
މިހައިތަނަށް ޒަކާތް ދެއްކި މީހުންގެ ތެރެއިން އިސްލާމިކް މިނިސްޓްރީގެ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ދައްކައިފައި ވަނީ 4956 މީހުންނެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 މީހުންނެވެ.
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ މި މަހުގެ 2ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން އުރީދޫ، އެމް-ފައިސާ، ދިރާގު ޕޭ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވީ ބަންޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން ފަރާތްތަކަށް މި މަހުގެ 3ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.
މާލެ ސިޓީ ސަރަހައްދުތަކުންނާއި، ހުޅުމާލެ އަދި ވިލިމާލެއިން ފިތުރު ޒަކާތް ދައްކަންޖެހޭ އަދަދުގެ ތެރޭގައި، އާދައިގެ ހަނޑޫ ނަމަ ދައްކަން ޖެހޭނީ 12 ރުފިޔާއެވެ. އާދައިގެ ބާސްމަތީ ހަނޑޫ ނަމަ 77 ރުފިޔާއެވެ. އަދި ތައިލެންޑް ހުދު ހަނޑޫ ނަމަ 77 ރުފިޔާއާއި ރަތް ހަނޑޫ ނަމަ 72 ރުފިޔާއެވެ. މޮޅު ބާސްމަތީ ހަނޑުލުން ނަމަ 90 ރުފިޔާއެވެ. އެންމެ މޮޅު ބާސްމަތީ ހަނޑޫ ނަމަ 132 ރުފިޔާ އަދި އާދައިގެ ފުށުން ނަމަ 12 ރުފިޔާ، އާޓާ ފުށް ނަމަ 75 ރުފިޔާއެވެ.