އޭޝިއާ ދުނިޔެ

"28 ދުވަހުގެ ވޯލްޑްކަޕަށް ޓަކައި ދީން ބަދަލެއް ނުކުރެވޭނެ!"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ 21 ނޮވެމްބަރުން ޑިސެމްބަރު 18އަށް ޤަތަރުގައި ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕާ ގުޅިގެން ޤަތަރުން ވަރުގަދަ މެސެޖެއް ދީފިއެވެ.

Ads by WAMCO

މި މެސެޖަކީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ނުވަތަ އެލްޖީބީޓީގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން ފީފާގެ ރައީސް އިންފަންޓީނިއޯ ދެއްކި ވާހަކަތަކަށް ޤަތަރުގެ ކައުންޓަރ ޓެރެރިޒަމް ކޮމިޓީގެ ޗެއަރމަން އަބްދުލްޢަޒީޒް ޢަބްދުﷲ އަލްއަންސާރީ ދެއްވި މެސެޖެކެވެ.

އެލްޖީބީޓީ ވިޔަސް އެންމެންނަށް ވެސް މަރުޙަބާ ކިޔާ ތަން އެންމެންނަށް ފެންނަން ޖެހޭނެކަމަށް އިންފަންޓީނިއޯ ބުނުމާ ގުޅިގެން އަލްއަންސާރީ ވިދާޅުވީ ޤާނޫނު ބަދަލު ނުކުރެވޭނެ ކަމަށާއި އަދި 28 ދުވަހުގެ ވޯލްޑްކަޕަށް ޓަކައި ދީން ވެސް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ވޯލްޑްކަޕްގެ ތައްޔާރީތަކާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަ ދައްކަމުން އަލްއަންސާރީ ވިދާޅުވީ ވޯލްޑްކަޕަށް ޤަތަރަށް ދާ މީހުންނަކީ މެޗު ބަލަންދާ މީހުން ކަމަށެވެ. އެއީކީ އެހެން އަމިއްލަ ޝައުގެއް ނުވަތަ ސިޔާސީ ހަރަކާތެއް ޕްރޮމޯޓްކުރަން އަންނަ ބައެއް ނޫން ކަމަށެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުން ފަދަ ކަންކަން ބަލައިގަންނަ ގައުމުތަކުގައި އެކަން ޕްރޮމޯޓްކުރުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

އަލްއަންސާރީ ވަނީ ސްޓޭޑިއަމްތަކުގައި ބެލުންތެރިން އެލްޖީބީޓީގެ ދިދަ ނުވަތަ ރެއިންބޯ ދިދަ ނެގުމާ ވެސް ދެކޮޅުހައްދަވައިފައެވެ. އަދި އެ ފަދަ ދިދައެއް އަތުލައިފި ނަމަ އެކަން އެ ކުރަނީ އެ ދިދަ ހިފައިގެން ހުރި މީހެއްގެ ދިފާއުގައި ކަމަށް އޭނާ ބުންޏެވެ. އެއީ އެފަދަ މީހަކަށް ދިމާވެދާނެ ކަމަކުން އޭނާ ސަލާމަތްކުރުމަށް ކަމަށް އަންސާރީ ފާހަގަކުރިއެވެ.

"ރިސްކެއްގެ ތެރެއަށް ދާން މި ޖެހެނީ ، ގިނަ މީހުންގެ މައްޗަށް މަދު މީހުން އިސްކުރަން މި ޖެހެނީ ، މައްސަލަ އުފެދި އަތުން ދޫވެ ކޮންޓްރޯލް ނުވާ ހިސާބަށް ދިޔުމުގެ ކުރީން ގާތުން އެކަން ބަލަން އެބަޖެހޭ، (އެލްޖީބީޓީ)މީހަކަށް މީހަކު ހަމަލާއެއް ދީފިއްޔާ އޮންނާނީ ވަގުތު ފާއިތުވެފައި" އަންސާރީ ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!