ރިޕޯޓް

ދުނިޔޭގެ އަރތު ޑޭގައި އަހަރެމެންނާއި ގުދުރަތީ ކަންކަމާ ހުރި ގުޅުމަށް ނަޒަރެއް

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

މިއަދަކީ ބައިނަލް އަގުވާމީ އަރތު ޑޭއެވެ. އަނެއްކާ ވެސް ތިމާވެށި ހިމާޔަތް ކުރުމުގެ ވާހަކަ ދެކެވޭ ދުވަހެކެވެ. މި އަޑު އަހާއަހާ ފޫއްސެއް ނުވޭ ހެއްޔެވެ. މި ވާހަކަ ދައްކާދައްކާ ނިމުމެއް ނައޭ ހިތަކަށް ނާރާ ހެއްޔެވެ. މިމައްސަލައަކީ އަބަދުހެން ވާހަކަ މަޝްވަރާކުރެވޭ މައްސަލައެކެވެ. ބައެއް ފަހަރު މީޑީއާގެ ސަމާލުކަމާއި މަޝްހޫރުކަން ހޯދުމަށް ވެސް ބޭނުން ކުރެވޭ މައުލޫއެކެވެ. ކޮންމެއަކަސް މިއީކީ މީހުންނަށް އައު ވާހަކައަކަށް ނުވާނެއެވެ. އަދި ވިސްނައިލައިފި ކޮންމެ މީހަކަށްމެ މިމައްސަލަ ގޯސްވެފައިވާކަން ދެނެގަނެވޭނެއެވެ. ހޯދައިފި ކޮންމެ މީހަކަށްމެ ހެކި ފެންނާނެއެވެ. ނަމަވެސް މިކަމަކީ އެހައި ބޮޑު ކަމެއްގެ ގޮތުގައި އެހައި ގިނަ މީހުން ނުދެކެނީ ކީއްވެގެން ހެއްޔެވެ. މިލިޔުމުގައި އަހަރެން އަލިއަޅުވައިލާން މިއުޅޭ މައުލޫއަކީ މިކަން މިހެންވާ މައިގަނޑު އެއް ސަބަބު ކަމުގައި އަހަރެން ގަބޫލު ކުރާ ސަބަބެކެވެ. އެ ސަބަބަކީ ގުދުރަތީ ކަންކަމާ އަހަރެމެން އިންސާނުން ދުރުވެފައިވާ ދުރުކަމެވެ.

Ads by Hajj Corporation

އަރތު ޑޭއާ ބެހޭ ގޮތުން ކުޑަ ތައާރަފެއް ފުރަތަމަ ހިމަނައިލާނަމެވެ. ވެބްސައިޓުގައި ލިޔެފައިވާ ގޮތުން، ވާލްޑް އާރތް ޑޭއަކީ 1970ގައި ފުރަތަމަ ފާހަގަ ކުރެވުނު ދުވަހެކެވެ. ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 22ވަނަ ދުވަހު ފާހަގަ ކުރެވޭ މި ދުވަހުގެ ބޭނުމަކީ ތިމާވެއްޓާ ބެހޭ މައްސަލަތަކާ ބެހޭ ގޮތުން މީހުންގެ ތެރޭގައި ހޭލުންތެރިކަން ފެތުރުމެވެ. 1990ވަނަ އަހަރުގައި ފުރަތަމަ ފަހަރަށް މި ދުވަސް ބައިނަލް އަގުވާމީ ފެންވަރުގައި ފާހަގަ ކުރެވުނެވެ. މިދުވަސް ފާހަގަ ކުރުމުގައި މިހައިތަނަށް 190އަށް ވުރެ ގިނަ ގައުމު ވަނީ ބައިވެރިވެފައެވެ.

ޒަމާނަށް އަންނަ ބަދަލުތަކާ އެެއްގޮތަށް އިންސާނުން ދުނިޔޭގައި އުޅޭ ގޮތް ވެސް މިދަނީ ބަދަލު ވަމުންނެވެ. އަހަރެމެން ދެކޭ ގޮތުގައި ގިނަ ބަދަލު ތަކަކީ ރަނގަޅު ބަދަލުތަކެކެވެ. ނަމަވެސް ބައެއް ކަންކަމަކީ އެކަމުގެ ނޭދެވޭ އަސަރު އެ ވަގުތު ނުކޮށްފާނެ ނުވަތަ ސާފުކޮށް ނުފެނިދާނެ ކަންކަމެވެ. މިބަދަލުތަކުގެ ތެރެއިން އަހަރެމެންނަށް ނޭނގި ނަމަވެސް ކުރެވޭ އެންމެ ބޮޑު ގެއްލުންދެނިވި އެއް ކަމަކީ ގުދުރަތީ ކަންކަމާ ދުރުވުމެވެ. ގުދުރަތީ މާހައުލުތަކުގައި ހޭދަކުރެވޭ ވަގުތު މަދުވުމާއި ގުދުރަތީ ގޮތުން އުފެދިފައިވާ އެއްޗެއްސާއި އަހަރެމެންނާ އޮންނަ ގުޅުން ހީނަރުވުމެވެ. މިކަމުގެ ސަބަބުން އަހަރެމެންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް އެބަވެއެވެ. ނަމަވެސް މިކަން މިހެން ވާކަން އަހަރެމެންނަށް ނުވިސްނޭތީ އަހަރެމެންގެ ދިރިއުޅުމައިގެން އަހަރެމެން ކުރިއަށް ދަނީއެވެ. ހިތާމައަކީ ގުދުރަތީ އެއްޗެއްސާއި މާހައުލުތަކަކީ އަހަރެމެންގެ ނަޒަރުގައި ހަޑި، ނުރައްކާތެރި އަދި އަހަރެމެންނާ މާ ދުރުގައި އޮންނަން ޖެހޭ އެއްޗެއް ކަމުގައި ގަބޫލުކުރެވުމެވެ.

ގުދުރަތީ އެއްޗެއްގައި އަހަރެމެންގެ ހަށިގަނޑު ޖެހޭކަށް ވެސް އަހަރެމެން ބޭނުމެއް ނޫން

ފައިވާނަށާއި ބޫޓަށާއި އިސްޓާކީނުތަކަށް އަރާ އަހަރެމެންގެ ފައި އަހަރެމެން ފޮރުވައިގެން ނޫނީ ބޭރަށް ފިޔަވަޅެއް ނާޅަމެވެ. އަތިރިމަތީގައިވާ ދޮންވެލިގަނޑު ފިޔަވައި އެހެން އެއްވެސް ގުދުރަތީ ތަނެއްގައި އަހަރެމެންގެ ފައެއް ނުޖެހެވެ. ގަސް ކެނޑުމަކީ އަހަރެމެންނަށް އެއްވެސް ކަމެއް ނޫނެވެ. ގަސްގަހާ ހެދި އަހަރެމެންނަށް ވާ އުނދަގުލުގެ ހައްލަކީ ވީހައި ވެސް އަވަހަކަށް އެ ގަސް ކަނޑައިލުން ކަމުގައި އަހަރެމެން ދެކެމުއެވެ. ގަހެއްގައި ކިތަންމެ ފައިދާ ހުރި އަދި ބޭސްވެރި ފަތެއް ނުވަތަ މީރު މޭވާއެއް އެޅި ނަމަވެސް އެ ގަހަކުން ވެރޭ ފަތްތަކާ ހުރެ ވާ އުނދަގުލަކީ ގިނަ މީހުން ދެކޭ ގޮތުގައި އެ ގަސް ކަނޑާލުމަށް ރަނގަޅު ސަބަބެކެވެ. ހިކި ފަތާއި ވިނަ ފެޅުމަކީ ގިނަ މީހުންނަށް ބޮޑު އުނދަގުލެކެވެ. ހިކި ފަތް ބިންމައްޗަށް އެޅުމަކީ އޭގެ ސަބަބުން ބިންގަނޑުގެ ވެލިގަނޑު މުއްސަނދިވާ ކަމެއްކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ. ވިނައިގެ ވައްތަރުތަކުގެ ތެރޭގައި އަހަރެމެންނަށް ކާން ކަމުދާ އެތަކެއް ފައިދާއެއް އެކުލެވޭ ފަތް ހުންނަކަން އެނގެނީ ކޮން ބަޔަކަށް ހެއްޔެވެ.

އަހަރެމެން ކެއުމަށް ބޮޑަށް ގަޔާވަނީ 'ފިހާރަ އެއްޗެހި'

އަހަރެމެން ކާއެއްޗެހި ވެސް މިދަނީ ބަދަލު ވަމުންނެވެ. ތައްޔާރީ ކާނާއާ ނުލައި އުޅުމަކީ މިހާރު ވަރަށް ދަތި ކަމެކެވެ. ތާޒާކޮށް ކާލަން ލިބެނީ މަދު އެއްޗެކެވެ. މާދުރުން އެތަކެއް ކެމިކަލާއި ބޭސް އަޅައިގެން ހައްދައިފައި ހުންނަ އެއްޗެހި ނޫނީ ކާކަށް ނުލިބެއެވެ. ގަސް ހެއްދުން އަދި ހާއްސަކޮށް ކާއެއްޗެހި އަޅާ ގަސްގަސް އިނދުމުގެ އިލްމަކީ ހަމައެކަނި ދަނޑުވެރިންނަށް އެނގޭ އެއްޗަކަށް ވަނީ ވެފައެވެ. އޮށް ރައްކާކުރާނެ ގޮތެއް ވެސް ނޭނގެއެވެ. ކެއުމުން ވިހަވަނީ ކޮން ގަސްގަހާގެއްސެއް ކަމެއް އަދި އެތަކެއް ޖާދުވީ ފައިދާތަކެއް އެކުލެވިފައިވަނީ ކޮން ގަސްގަހާގެއްސެއްގައި ކަމެއް މިހާރު އަހަރެމެންނަކަށް ނޭނގެއެވެ.

ޖަނަވާރުންނަކީ ބޮޑު އުނދަގުލެއް

ބައެއް މީހުން ހީކުރާ ކަހަލައެވެ. ޖަނަވާރުންނަކީ މިދުނިޔޭގައި ކީއްކުރަން ލައްވައިފައިވާ އެއްޗެއް ބާވައެވެ. އަހަރެމެންނަށް ކާއެއްޗެއް ފޯރުކޮށްނުދެވޭ އެއްޗެއް ވެއްޖެއްޔާ އެއީ ބޭކާރު އެއްޗެއްސެވެ. އަދި އޭގެން އަހަރެމެންނަށް ވަނީ އުނދަގުލެވެ. ވެގެންވާ ނަމަ ހުރިހާ ސޫތްފަކާއި ޖަނަވާރެއް މަރައިފީސް ކަންނޭނގެއެވެ. އަހަރެމެންނަކީ ވެސް އެސޮރުމެންނާ އެކުގައިވާ ފުޑް ޗެއިންގެ ބައެއް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ބައެއް ޖަނަވާރުން ގިނަކަމުން އަހަރެމެންނަށް އުނދަގުވާ ހިސާބަށް ދަނީ ހަމަ އަހަރެމެންގެ ކުށަކުން ކަމުގައި ވެސް ވެދާނެ ކަމެއް އަހަރެމެންނެއް ނުވިސްނައެވެ. ފުޑް ޗެއިންއާއި ގުދުރަތީ ނިޒާމުތަކާ އެވަރަށް ކުޅެ އެނިޒާމްތަކަށް އިހުތިރާމެއް ނެތި ކުރާ ކަންކަމާ ހުރެ އަހަރެމެންނަށް ޖަނަވާރުންގެ ފަރާތުން އުނދަގޫ ފޯރުމަކީ އެސޮރުމެންގެ ކުށެއް ނޫނެއް ނޫން ހެއްޔެވެ. މަދިރި ގިނަވެގެން އުނގަދު ވާއިރު މަދިރި ކާ ޒާތުގެ ދޮންދޫނި ފަދަ އެއްޗެހި އަހަރެމެން ހިފައި މަރަނީ އެއެއް މިއެއް ނުބަލައެވެ. މަދިރި މަރާ ސްޕްރޭ ޖަހާޖަހާ ބައެއް މަދިރި މިހާރު އެއަށް ވަނީ އެއްގޯސްވެފައެވެ. އަނެއްކާ ވެސް އެ ޖެހުނީ އައު ޓެކްނޯލޯޖީއެއްގެ އެހީގައި އެކަމަށް ހައްލެއް ހޯދާށެވެ. ދުނިޔޭގެ ޖައްވަށް ބޭރުކުރާ ކެމިކަލްތަކަކީ އަހަރެމެންނާ ބެހޭ މައްސަލައެއް ނޫންތާއެވެ. ކިރިޔާ ކަމެއް ވާއިރަށް އަހަރެމެން މިކާ ބޭސްތަކުން ވެސް އަހަރެމެންގެ ގައިގަވާ އަގުހުރި ލޮލަށް ނުފެންނަ އެތައް ދިރޭ ތަކެއްޗެއް މަރުވެދެއެވެ. އެންޓިބައޮޓިކް ބޭސްތަކަށް ވެސް ނުގުޑާ ފަދަ ޖަރާސީމު އާލާވަމުންދެއެވެ.

އަހަރެމެން ބޭނުންވަނީ ތަރައްގީއާއި ފައިސާ

އަހަރެމެން ބޭނުން ވަނީ ޓާފް ދަނޑުތަކެވެ. އަސްލު ވިނަ ފަޅައިފައިވާ ބިންގަނޑެއް ނޫނެވެ. ބޮޑެތި ގަސްތަކެއް ނޫނެވެ. ބޮޑެތި އިމާރާތްތަކާއި ބައިވަރު އެއްޗެއްސެވެ. ބައިވަރު ފައިސާއެވެ. ގުދުރަތީ ނިޒާމުތަކުގެ ބޮޅުގެ ތެރޭގައި އަހަރެމެން ނުވާ ކަމަށް އަހަރެމެން ހީކުރަމުއެވެ. ގޭތެރޭގައިވާ ކުނިތައް ކަހައި އުކާލީމާ ދެން އެކުންޏަށް ވާ ގޮތާ ވިސްނާކަށް ނުޖެހޭނޭތާއެވެ. ހަގީގަތުގައި ކުނީގެ މައްސަލަ ވެސް ފަހުމްވާނީ ގުދުރަތީ މާހައުލުތަކަށް ގިނައިން ގޮސް އުޅުނީމައެވެ.

އިންސާނުންނެވެ. ހޭލާށެވެ. ފަތްޕިލާވެއްޔާއި ސޫފާސޫފީގެ ސަބަބުން އަހަރެެމެންނަށް ކުރާ ފައިދާތަކާ މެދު ވިސްނާށެވެ. ފައިދާއަކީ ހަމައެކަނި ފައިސާއިން މިނާ ކަންކަމެއް ނޫނެވެ. އިރުގެ އަލިކަމަކީ ވެސް ހަދިޔާއެކެވެ. ބޭހެކެވެ. ފަރުދާ ކަހައިގެން އޭސީ ކޮޓަރިތަކުގައި މުޅި ދުވަސް ހޭދަނުކުރާށެވެ. އަހަރެމެންގެ ކާނާއަކީ ބަލިވުމުގެ ކުރިން އަހަރެމެން އަޅާ ފިޔަވަޅެއްގެ ގޮތުގައި ބަލިތަކުން ރައްކާތެރިވާން ކާ ބޭސް ކަމުގައި ހަދަމާހެއްޔެވެ. ގުދުރަތީ މާހައުލުތަކާއި ގުދުރަތީ ރީތިކަމަކީ ވެސް ބޭހެއް ކަމުގައި އަދި ސްޓްރެސް ފިލުވާ އެއްޗެއް ކަމުގައި ހަދަމާހެއްޔެވެ. ކުޑަކުދިންގެ ކުޅޭ ތަނަކީ އަދި ކުޅޭ އެއްޗެއްސަކީ އަދި މަދަރުސާއަކީ ވެސް ގުދުރަތްތެރިކަން ކަމުގައި ހަދާށެވެ.

ވަގުތު ކުޑަތަން ވެއްޖެ

ފައިސާއާއި ތަރައްގީއާއި ފަސޭހަކަން ވެސް މުހިންމެވެ. ނަމަވެސް އަހަރެމެންގެ ތިމާވެއްޓާއި އަހަރެމެންގެ ސިއްހަތާއި ކުރިއަށް އޮތް ޖީލުތަކަށް އުޅެން ހެޔޮވާ ވަރުގެ ދުނިޔެއެއް ފޯރުކޮށްދިނުން އެއަށް ވުރެ މާ މުހިންމު ނޫން ހެއްޔެވެ. އަރތު ޑޭގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ފަދައިން ކޮންމެ ދުވަހަކީ ވެސް އަރތު ޑޭގެ ގޮތުގައި ދެކޭށެވެ. މިއަހަރުގެ ތީމަކީ 'އިންވެސްޓް އިން އަވާރ ޕްލެނެޓް'އެވެ. އަހަރެމެންގެ ދުނިޔޭގެ މުސްތަގްބަލަށް އަހަރެމެން އިންވެސްޓް ނުކުރިއްޔާ ދެން އިންވެސްޓް ކުރާނީ ވަކި ކޮން ބައެއް ހެއްޔެވެ. ވަގުތު ކުޑަތަން ވެއްޖެއެވެ. ދިރޭތަކެތި ނެތިދަނީއެވެ. މައިކްރޯޕްލާސްޓިކް ކެވެނީއެވެ. ފަރުތައް ހަލާކުވެ ނެތިދަނީއެވެ. ރަށްތައް ގިރެނީއެވެ. ފެންގަނޑުތައް ތަޣައްޔަރުވަނީއެވެ. ތަރުކާރީއާއި މޭވާ ލިބުން ދަތިވަނީއެވެ. އަހަރެމެންނަށް މިކަންކަމުގެ އަސަރު އެންމެ ނުބައި ގޮތުގައި އަދި ފާލުކަން ބޮޑު ގޮތެއްގައި ނުކުރާހެން ހީވިޔަސް އަހަރެމެންގެ ދަރިންގެ ދަރިންނަށް އެއަސަރު ގައިމު ވެސް ކުރާނެއެވެ. އޭގެ ކުރީގައި ފިޔަވަޅު އަޅަމާ ހެއްޔެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!