ޝާމް: ދެކޭ ހުވަފެނަކީ އަންނަން އޮތް ޖީލުތަކަށް "އިންސްޕިރޭޝަން" އަކަށްވުން!
1438 ބޮޑުބެރު ގްރޫޕުގައި ލީޑްވޯކަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝާމްގެ ނަމަކީ ގިނަ ބަޔަކަށް އައު ނަމަކަށް ނުވާނެކަން ޔަގީނެވެ. އޭނާގެ ރީތި އަޑުގެޖާދޫގައި ޖެހިފައިވާ އެތައްބަޔަކު އުޅޭކަން ޔަގީނެވެ.
ބާތު ރޫމް ސިންގާއެކޭވެސް ބުނެވިދާނެ
ޝާމް ބުނީ އޭނާ އެންމެ ކުޑައިރުއްސުރެވެެސް ލަވަކިޔާ ހިތްވާ ކަމަށާއި އެންމެ ކުޑައިރު އޭނާ އަކީ ކުރުކޮށް ބުނާނަމަ ބާތު ރޫމް ސިންގަރ އެކޭ ވެސް ބުނެވިދާނެ ކަމަށެވެ.
އޭރު ލަވަކިޔުމަކީ އާއިލާއިން އެހާ ހިތްހަމަ ޖެހޭ ކަމަކަށް ނުވާތީ އެއްވެސް މުބާރާތެއްގައިވެސް ބައިވެރިވެފައި ނުވާނެކަން ޝާމް ފާހަގަ ކުރިއެވެ. ނަމަވެސް ލަވަކިޔުމަކީ ހިތުގައި އަބަަދުވެސް ވަރަށް ބޮޑު ގަދަރެއް ދެވިފައިވާ ކަމެއް ކަމުގައި އޭނާ ބުންޏެވެ.
ލަވަކިޔުން ފެށުނީ 2016 ވަނަ އަހަރުގެ ނަސްރުގެ ދުވަހު
އެންމެ ފުރަތަމަ ލަވަކިޔަން ފެށީ ކޮންއިރަކުތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ޝާމް ބުނީ، 2016 ވަަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ސްރީލަންކާގައި ހުންނަ ރާއްޖޭގެ ތައުލީމީ މަރުކަޒު އަދި ސަގާފަތާބެހޭ ސެންޓަރުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވޮލެންޓިއަަރ ކޮށްގެން ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ލިބިގެން ދިޔަ ކަމަށެވެ.
ޝާމްގެ ލަވަކިޔުމުގެ ފެށުމަކީ އެއީ ކަމަށް ފާހަގަ ކުރަމުން އޭނާ ބުނީ އޭގެ ފަހުން ލަވަކިޔަން ފެށިކަމަށެވެ.
އެންމެ ކިޔާ ހިތްވަނީ ބޮޑުބެރު ލަވަ
އެންމެ ކިޔާ ހިތްވަނީ ކޮން ކަހަލަ ލަވައެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ޝާމް ބުނީ، އެންމެ ކިޔާ ހިތްވަނީ ބޮޑު ބެރު ލަވަ ކަމަށާއި އެންމެ ރީއްޗަށް ކިޔޭ ކަމަށް ގަބޫލު ކުރަނީ ވެސް ބޮޑު ބެރު ލަވަ ކަމަށެވެ. ޝާމްގެ ގިނަ ލަވަތަކަކީ ބޮޑުބެރު ލަވަތައްކަން ފާހަގަ ކުރެވެއެވެ.
މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަ ޖެހޭ މަސައްކަތް
މިހާތަނަށް މި ދާއިރާގައި ކުރެވުނު އެންމެ ހިތްހަމަ ޖެހޭ މަސައްކަތަކީ ކޮބާތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ޝާމް ބުނީ ނަޒީފް (ޒިއްޓެ) ގެ “ސަލާމޭ” ލަވައިގެމިއުޒިކް ކޮމްޕޯސް ކޮށްދިނުން ކަމަށެވެ.
އެ މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހޭކަން ހާމަކުރަމުން ޝާމް ބުނީ ކުރިއަށް އޮތްތަނުގައި އެފަދަ އެހެން މަސައްކަތްތަކެއް ވެސް ކުރަން ބޭނުންވާ ކަމަށެވެ.
މާޔޫސްވާން ޖެހޭފަދަ ކަންކަމާވެސް ކުރިމަތިވި
މި ދާއިރާގައި މާޔޫސްވާން ޖެހޭފަަދަ ކަންކަމާވެސް ކުރިމަތިލާން ޖެހުނުކަން ފާހަގަ ކުރަމުން ޝާމް ބުނީ، ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބައެއް ބޭފުޅުންގެ ބަދުބަސްތަކުންވެސް ހިތްވަރު އެލިގެން ދިޔަ ކަމަށެވެ.
ނަމަވެސް ރައްޓެހިންނާއި އާއިލާގެ ވެސް ސަޕޯޓާއެކު ޝާމް އިރާދަކުރެއްވިއްޔާ ގިވްއަޕް ނުކުރާނެ ކަމުގައި އޭނާ ބުންޏެވެ.
ލަވަކިޔުމުގައި ކުރިއަށް ދިއުމުގައި އެންމެ އެހީތެރިވެދިނީ އައްޒަޑޭ
ލަވަކިޔުމުގެ ދާއިރާގައި އެންމެބޮޑަށް އެހީތެރިކަން ލިބުނީ މަޝްހޫރު ބެރުވެރިޔާ އައްޒާމް ޝަރީފް (އައްޒަޑޭ) ގެ ފަރާތުން ކަމުގައި ޝާމް ފާހަގަ ކުރިއެވެ. އައްޒަޑޭއަކީ އޭނާގެ މިއުޒިކްގެ ބައްޕަ ކަމުގައި ދެކޭ ކަމުގައި ފާހަގަ ކުރަމުން ޝާމް ބުނީ އަބަދުވެސް އަައްޒަޑޭ އޭނާއަށް މި ދާއިރާގައި ކުރިއަށް ދިއުމަށް މަގު ދައްކައިދިންކަމަށެވެ.
އަދި ހަމަ އެހެންމެ ލަވަކިޔުމަކީ ޝާމްގެ ޕެޝަން އެއް ކަމަށް ގަބޫލުކޮށް ޝާމްއަށް ލަވަކިޔުމުގައި ހިތްވަރުދިނުމުގައި މިހާރު ދެމިތިބޭ އޭނާގެ އާއިލާ އަކީ އޭނާގެ ކުރިއެރުމުގައި މުހިއްމު ދައުރެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
ލަވަކިޔުމުގެ ދާއިރާގައި ޝާމްގެ "އައިޑަލްސް"
ލަވަކިޔުމުގެ ދާއިރާގައި ޝާމްގެ އައިޑަލްސްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ހަސަން ތަލާޤް އާއި ހަސަން މުސްފަހް އަދި މެހެފޫޒް އިބްރާހިމް އެވެ.ކުރިއަށް ދިއުމުގައި ނަމޫނާއަކަށް ބެލި 3 ލަވަ ކިޔުންތެރިންނަކީ އެއީ ކަމުގައި ޝާމް ފާހަގަ ކުރިއެވެ.
ޝާމް ކުރިމަގަށް ދެކޭ ހުވަފެން
ޝާމް ބުނީ އޭނާގެ ހުވަފެނަކީ ބޮޑުބެރުގެ ދާއިރާގައި ދެވެން އޮތް އެންމެ ދުރަކަށް ދިއުން ކަމުގައެވެ. އަދި ހަމަ އެހެންމެ އޭނާ ބޭނުންވަނީ ސައުންޑް އިންޖިނީރިންގް ދަސްކުރަން ކަމުގައި ވެސް ޝާމް ބުންޏެވެ.
އަދި ހަމަ އެހެންމެ ޝާމް އަކީ ކުރިއަށް އޮތް ޖީލުތަކަށް އިންސްޕިރޭޝަން އަކަށް ވެގެން ދިއުމަކީ އޭނާ ދެކޭ އުއްމީދެއް ކަމުގައި ޝާމް ފާހަގަ ކުރިއެވެ. އަދި މިދާއިރާގައި ދެވެން އޮތް އެންމެ އުހަކަށް ދާން ބޭނުންވާ ކަމުގައި ޝާމް ބުންޏެވެ.