ޚަބަރު

އެޑިއުކޭޝަން މިނިސްޓަރުގެ ތާއީދު ވެސް ފަޔާއަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއީދު ކުރެއްވުމަށް އެޑިކޭޝަން މިނިސްޓަރު އައިޝަތު ނިންމަވައިފިއެވެ.

Ads by MWSC

މިނިސްޓަރ ވަނީ ފައްޔާޒާ އެކު ނަގައިފައިވާ ފޮޓޯއެއް ޓްވިޓާގައި މިއަދު ހިއްސާކުރައްވައިފައެވެ. ފޮޓޯގައި ފައްޔާޒާ އެކު އައިޝަތު ޢަލީ ވެސް ހުންނެވީ ފައްޔާޒުގެ ކެނޑިޑޭޓު ނަންބަރު ކަމަށްވާ ދޭއް، ރަމްޒުކޮށްދޭ ގޮތަށެވެ.

ޗެއަރޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު މި ސަރުކާރުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ގެންދަވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ. އެގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ފައްޔާޒަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވައިފައެވެ.

މީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ މިއަދުގެ ވަގުތެއްގައި ވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައި ވީޑިއޯއެއް އާންމުކުރައްވައިފައެވެ.

ޝައުނާ އެކަން ހާމަ ކުރެއްވުމުން ރައީސް މުޙައްމަދު ނަޝީދު ވަނީ ނުރުހުން ފާޅު ކުރައްވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެ ކަމަށެވެ. އަދި އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށް ރައީސް ނަޝީދު، ޝައުނާ އަރިހުން އެދިވަޑައިގަތެވެ.

ޗެއާޕާސަންގެ ގޮނޑިއަށް ފައްޔާޒާ ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވެސް ގެންދަވަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. މިއިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައި ވަނީ ޕާޓީ ހިންގުމުގެ ކޮންޓްރޯލާ އެކު ރިޔާސީ ކެނޑިޑޭޓްކަމަށް ކުރައްވާ މަސައްކަތަށް ލިބޭނެ ފައިދާއަށް ޓަކައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!