ދީން

ރަމަޟާންއާ ވަކިވެގެންދާ އިރު މުއުމިން އަޅާގެ ލޮލުން ކަރުނަ ނުއޮހޮރޭނީ ކިހިނަކުން ހެއްޔެވެ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޙުމަތާއި މަޣްފިރަތުގެ އެންމެ ތަނަވަސް މޫސުން އަހަރެމެންނާ ބައްދަލުކުރީ އެންމެންގެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ދެމުންނެވެ. ހިތްތަކުގައި ހުރި ދަބަރުތައް ފިލުވައި އީމާނުގެ ރޫޙުން އެ ހިތްތައް އަލިކޮށްލަމުންނެވެ. ނަތީޖާއެއްގެ ގޮތުން މަދު ބަޔަކު ފިޔަވައި އެންމެންމެ އަވަދިނެތި އުޅުނީ އަޅުކަމުގައެވެ. ފަރުޟު ފަސްނަމާދު ޖަމާޢަތުގައިކޮށް ސުންނަތް ނަމާދުތަކުގައި ﷲގެ ގެކޮޅުތައް އާބާދުކުރިއެވެ. ކީރިތި ޤުރުއާން ތިލާވަތުކޮށް، ޖަނާޒާތަކުގައި ބައިވެރިވެ، ސިއްރުންނާއި ފާޅުގައި ޞަދަޤާތްކޮށް އުޅުނޫއެވެ. ﷲގެ ޛިކުރުކުރެވޭ މަޖިލިސްތައް ފުރައިލިއެވެ.

Ads by MWSC

އެ އުފާވެރި މައްސަރު މިއަދު އަހަރެމެންނާ އަލްވަދާޢު ކިޔައިފިއެވެ. މިއާ އެކު ފެނިގެން މިދަނީ ހިތްދަތި މަންޒަރެކެވެ. އާބާދުކުރި މިސްކިތްތައް ވެސް ފަޅުވެގެންދަނީއެވެ. ޖަމާޢަތް ފެށުމުގެ މާކުރިން ފުރުނު މިސްކިތްތަކުގެ ސަފުތައް މިހައި އަވަހަށް މަދުވެ ހީނަރުވެއްޖެއެވެ. 30 ދުވަސް ވާންދެން ފުރިހަމަކުރި އީމާންކަމުގެ ތަމްރީން ކޭންޕުން ލިބުނު އެއްޗެއް ނެތް ފަދަ ވެއްޖެއެވެ.

ރޯދައާ ގޮތުން އަލްސުޔޫތީ ލިޔުއްވި ފޮތުގައި ބަޔާން ކުރައްވައިފައި ވެއެވެ.

[ وأخرج الأصبهاني عن معلى بن الفضل قال : كانوا يدعون الله عز وجل ستة أشهر أن يبلغهم شهر رمضان، ويدعون الله ستة أشهر أن يتقبل منهم . ]

މުޢައްލާ އިބުނު އަލްފަޟުލް ވިދާޅުވިކަމަށް އަލްއަސްބަހާނީ ވިދާޅުވިއެވެ. ރަމަޟާން މަހާ ބައްދަލުވޭތޯ (އަހަރުގެ)ހަމަސް ވާންދެން ޞަލަފުއްޞާލިޙުން ދުޢާކޮށް އުޅުއްވިއެވެ. އަދި ރަމަޟާން މަހުގައި ކުޅަ ހެޔޮ ޢަމަލުތައް ﷲގެ ޙަޟްރަތުން ޤަބޫލުކުރައްވައިތޯ އަނެއް ހަމަހު ދުޢާކޮށް އުޅުއްވިއެވެ.

މުސްލިމް އަޚުންނާއި އުޚުތުންނެވެ. ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުކުރެއްވި ކަމުގެ އެއް އަލާމާތަކީ އެކަންކަމުގައި ދެމިހުރުމެވެ. ހެޔޮ ޢަމަލުތައް ލޯބި ޖެހުމެވެ. ނަމާދަށް އަވަސްވެގަތުމަށް ހިތް ޖެހުމެވެ. ވީއިރު ރަމަޟާން މަސް ނިމުނަސް ހެޔޮކަންތައްތަކާ އަހަރެމެންނަށް ދުރުވެވޭނީ ކިހިނަކުން ހެއްޔެވެ؟

ރަމަޟާންއާ އަލްވަދާޢު ކިޔާއިރު މުއުމިނުންގެ ޙާލަތާ ގުޅޭ ގޮތުން އަލްޙާފިޡް އިބްނު ރަޖަބު ލިޔުއްވި ޅެން ބައިތެއްގައި ވެއެވެ.

[كيف لا تجري للمؤمن على فراق رمضان دموعُ

وهو لا يدري هل بقي له في عمره إليه رُجوع]

ރަމަޟާންއާ ވަކިވެގެންދާ އިރު މުއުމިން އަޅާގެ ލޮލުން ކަރުނަ ނުއޮހޮރޭނީ ކިހިނަކުން ހެއްޔޭ!

އަނެއް އަހަރާ (ރަމަޟާންއާ)ބައްދަލުކުރާ އިރު ޢުމުރު ދެމިހުންނާނޭކަން ނޭނގޭ ހިނދުގައި"

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!