މުނިފޫހިފިލުވުން

ހީކުރި ވަރަށް ވުރެ ވެސް ބޮޑަށް އިއްލެގެ "ޝައިތޯނާ"ހިތްގައިމު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ ދިވެހިންގެ ހޫނު ތަރުހީބެއް ލިބުނު ދިވެހި ފިލްމު "ބަވަތި"ގެ ހުނަރުވެރި ޑައިރެކްޓަރު އިލްްޔާސް ވަހީދު (އިއްލެ) އަލަށް އުފައްދާ ސީރީޒެއް ކަމަށްވާ "ބިރުުވެރި ވާހަކަ" ސީރީޒްގެ ޕްރޮމޯޝަނަލް ލަވަ މިއަދު ނެރެފިއެވެ.

Ads by MWSC

"ޝައިތޯނާ"ގެ ނަމުން ނަން ދީފައިވާ މި ލަވަ ކިޔައިދީފައި ވަނީ އަންދަލާ ހަލީމް (އަންޔާ)އެވެ. ބެކިންގ ވޯކަލެއްގެ ގޮތުގައި އިބްރާހިމް ނިޔާޒް (ތޫ) އަދި އަބްދުލް ސަލީމްގެ ހިތްގައިމު އަޑުވެސް އިވިގެން ދެއެވެ.

މި ލަވައިގެ ޕޯސްޓަރު އައިފިލްމްސްއިން މިދިޔަ އޭޕްރިލް މަހު ރިލީޒްކޮށްފައިވާ އިރު، އޭގެން ފެންނަނީ ތިން ސޫރައެއްގެ ތިންބައި އެއްކޮށްފައި ހުރި މަންޒަރެވެ. އެ ތިން ސޫރަ ހިމެނޭ "އެއްޗެހިތަކެއް" މިއަދު ނެރުނު މި ލަވައިން ފެނިގެން ދެއެވެ. އޭގެ އިތުރުން ލަވައިގައި ދެން ހިމަނައިފައި ވަނީ "ބިރުވެރި ވާހަކަ" ސީރީޒްގެ ބައެއް މަންޒަރުތަކުގެ ތަންތަންކޮޅެވެ.

ވަރަށް ވެސް ތަފާތު ރާގަކަށް ތައްޔާރުކޮށްފައިވާ "ޝައިތޯނާ"ގެ މެލޮޑީއާއި ލިރިކްސް ހަދައިފައި ވަނީ ތޫއެވެ. އަދި ލަވައިގެ މިޔުޒިކް ހަދައިފައި ވަނީ އިބްރާހިމް އައްފާން (އިއްބެ) އެވެ. ލަވަ ރިކޯޑު ކޮށްފައިވަނީ ބައިސްކޯފު ސްޓޫޑިއޯގައެވެ.

"ޝައިތޯނާ"ގައި އެންމެ ފާހަގަ ކޮށްލެވެނީ މިލަވައިގެ މޭކަޕެވެ. ބިރުވެރި އެއްޗެހިތަކެއް ދައްކުވައިދީފައިވާ މި ލަވައިން ފެންނަ އެކްޓަރުންގެ މޭކަޕް ކޮށްދީފައިވަނީ އެ ފަދަ ދެވަނައެއް ނުވާ ކުޅަދާނަ މޭކަޕް އާޓިސްޓު ރުތުބާ އަހްމަދެވެ. އަދި ލަވައިގެ ސިނެމަޓޮގްރަފީ ހަދައިފައިވަނީ އިސްމާއިލް މުނައްވަރު (މުނޯ)އެވެ.

އިއްލެގެ މޮޅު އެޑިޓިންއިން ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާ އިރު، ލަވައިގެ ފޮލޭއާ ހަވާލުވެގެން ހުރީ މިހާރު ކުރިއަރަމުން އަންނަ ކުޅަދާނަ އެކްޓަރު އަހްމަދު ޝާރިފްއެވެ. މީގެ އިތުރުން ލަވައިގެ ޓެކްނިކަލް އެސިސްޓަންޓުންގެ ގޮތުގައި އަހްމަދު ޒިފާފާއި އަހްމަދު ހުސެއިންގެ ނަން ހިމެނެއެވެ.

ބިރުވެރި ވާހަކައިގެ ޕްރޮމޯޝަނަލް ލަވައިގެ ވީއެފްއެކްސް، މޯޝަން ޖީއެފްއެކްސް އަދި ކަލަރ ގްރޭޑިންގް ހަދައިދީފައި ވަނީ އޯކޭޒް އިންކްގެ މުހައްމަދު ސާމީއެވެ. އަދި ލަވައިގައި ބޭނުން ކޮށްފައިވާ ޕްރޮޕްސް ހަދައިދީފައި ވަނީ އާސިމް އަލީއެވެ.

މިއީ އާސިމް އަލީއާއި އިއްލެ ޕްރޮޑިއުސް ކޮށްފައިވާ ލަވައެކެވެ.

ބިރުވެރި ވާހަކައިގެ ޕްރޮމޯޝަނަލް ލަވަ "ޝާއިތޯނާ" މިހާރު ރިލީސް ކޮށްފައިވީ ނަމަވެސް، އެ ސީރީޒް އަދި ރިލީޒް ކުރާނެ ދުވަހައެއް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް ދިރާގު ޓީވީގައި އެ ސީރީޒް ރިލީޒް ވާނެ ކަމަށް އައިފިލްމްސްއިން މައުލޫމާތު ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!