އޭޝިއަން ކަޕް ކޮލިފައިންއަށް ޤައުމީ ޓީމުގެ ޕްރެކްޓިސް ފަށައިފި

ޖޫން 8ގައި ފަަށާ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ރާއްޖޭން ޕްރެކްޓިސްތައް ފަށައިފިއެވެ.
ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މި ވަގުތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ އެކު އޭފް.ސީ.ކަޕް މެޗުތައް ކުޅުމަށް ޤައުމުން ބޭރުގައި ވުމާ އެކު ޕްރެކްޓިސްތަކުގައި ބައެއް ކުޅުންތެރިން އަލަށް ހިމަނައިފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މުހިއްމު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ރޭގެ ޕްރެކްޓިސްގައި ބައިވެރިވެފައެވެ.
އޭޝިއަން ކަޕްގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖޭން ބައްދަލުކުރާނީ ޖޫން 8ވަނަ ދުވަހު ތައިލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 11ވަނަ ދުވަހު މުބާރާތް ހޯސްޓު ކުރާ އުޒްބަކިސްތާނާ ބައްދަލު ކުރާއިރު ޖޫން 1 ވަނަ ދުވަހު ފަހު މެޗުގައި ރާއްޖޭން ބައްދަލުކުރާނީ އަވައްޓެރި ސްރީލަންކާއާ ދެކޮޅަށެވެ.
ޤައުމީ ޓީމާއި އޮކްޓޯބަރު މަހު ހަވާލުވި އިޓަލީގެ ކޯޗު، ފްރޭންސިސްކް މޮރިއޭރޯއަށް އެފް.އޭ.އެމްއިން ހަވާލުކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ ވެސް އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. މޮރިއޭރޯ ބުނެފައި ވަނީ އެކަށީގެންވާ ވަގުތާ އެކު ރަނގަޅު ޓީމެއް ބިނާ ކުރެވޭނެކަމަށެވެ.