"އިންޑިޔާ އައުޓު" ހަރަކާތަކީ ރައީސް ޔާމީން އަމިއްލަ ފައިދާއަށް ކުރާ ކަމެއް: އިކުރާމް

ދިވެހިރާއްޖޭގައި އިންޑިޔާގެ އަސްކަރިއްޔާ ޤާއިމުވެތިބި ކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިޔާ އައުޓު" ހަރަކާތަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަދި ޕީ.ޕީ.އެމްގެ މަދު ބަޔަކު އަމިއްލަ ފައިދާއަށް ކުރަމުންދާ ކަމެއްކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އިންޑިޔާ އައުޓު ހަރަކާތަށް ފާޑު ވިދާޅުވެ މެމްބަރު އިކްރާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ހަރަކާތަކީ އަމިއްލަ ފައިދާއަށް މާލޭގައި އޮތް ހަމަޖެހުމާއި އާއްމު މަސްލަހަތު ނަގައިލައި، ކުދި ވިޔަފާރިތައް ހަލާކުކޮށްލަން ހިންގާ ހަރަކާތެއް ކަމަށެވެ. މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ފުލުހުންނަށް ކިޔަމަން ނުވާ މީހުންނަށް ފިޔަވަޅު އަޅާ މަންޒަރު އެހައި ރީތި ނުވެދާނެކަމަށް ވެސް މެމްބަރު އިކްރާމް ވިދާޅުވެފައިވެއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިޔާ އައުޓު ހަރަކާތުގެ ތެރެއިން ކޮންމެ ރެއަކު ވެސް މިހާރު ދަނީ އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރަމުންދާ އިރު އިދިކޮޅުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.