ޚަބަރު

މަންކީޕޮކްސްއަށް ދިވެހި ނަމެއްދީފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ މަންކީޕޮކްސް ބަލީގެ ދިވެހި ނަމަކީ 'މަކުނުވިދުރި' ކަމަށް ދިވެހި ބަހުގެ އެކެޑެމީން ނިންމައިފިއެވެ.

Ads by STELCO

މަކުނުވިދުރި މި ނަން ކަނޑައަޅައި އެ އެކެޑެމީން ވަނީ މި ބަސް ބޭނުން ކުރުމަށް ނޫސްތަކަށް ވެސް އަންގައިފައެވެ.

މީގެ ކުރިން ދުނިޔޭގައި އާއްމުވި ބައެއް ބަލިތަކަށް ވެސް ދިވެހި ނަން ދީފައިވެއެވެ. މިގޮތުން ކޮވިޑް ދުވަސްވަރު ވެސް ގިނަ ދިވެހި ބަސްތަކެއް އުފަންވެ، އާއްމުވެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަކުނުވިދުރި ފެތުރެމުންދާތީ އެޗް.ޕީ.އޭއިން އިއްޔެ ވަނީ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ. އެގޮތުން މިވަގުތު މި ބަލި ރާއްޖޭގެ ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެން ނަމަވެސް ދުނިޔޭގައި ބަލި ފެތުރެމުން އަންނަ މިންވަރު އިތުރުވާ ނަމަ ރާއްޖެއިން ވެސް ބަލި ފެނުމަކީ އެކަށީގެންވާކަމެއް ކަމަށް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ.

މަކުނުވިދުރިއަކީ ކަށިވިދުރި ޖައްސާ ވައިރަސްއާ އެއް އާއިލާގެ ވައިރަސްއަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތައިލާން ޖެހި ވެކްސިންއިން މަކުނުވިދުރިން ވެސް ރައްކާތެރިކޮށްދޭކަމަށް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ. 1980ވަނަ އަހަރު ދުނިޔޭން ކަށިވިދުރި ނައްތައިލުމާ އެކު އޭގެ ވެކްސިން ޖެހުން ހުއްޓައިލުމަށް ފަހު މިވީ އަހަރުތަކުގެ ތެރޭގައި މަކުނުވިދުރިގެ ވޭދަނަތައް، ހާއްސަކޮށް މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ވަނީ އިތުރުވެފައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައްޔާއި، ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮއްލުން ހިމެނެއެވެ. އެއަށް ފަހު 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެވެ. މި ބިހިތައް ނަގާއިރު ފަތިކޮށް ހުންނައިރު އެއަށް ފަހު ފެން ފޮޅަށްވެ އޭގެ ފަހުން ފޮޅުތަކުގައި ދޮސްލައެވެ. ދެން ފޮޅުތައް ފަޅައިގެން ގޮސް ކުރަލައެވެ. ކުރައިގެ ދަށުން އައު ހަންގަނޑު އުފެދި، ކުރަ ވެއްޓެއް ދެން ބަލި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

މި ބައްޔަށް ސީދާ ފަރުވާއެއް ނެތް ނަމަވެސް، ބަލީގެ އަލާމާތްތަކަށްދޭ ފަރުވާއަށް ފަހު ގިނަ މީހުން ބަލިން ރަނގަޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!