އިންޑިއާގައި ފަލަ މީހުން އިތުރުވާތީ ހަށިގަނޑަށް ބަލައިގެން އުޅެން އަންގައިފި
އަވަށްޓެރި އިންޑިއާގައި މިހާރު ގިނަ އަދަދަކަށް ފަލަ މީހުން އިތުރު ވެފައިވާކަމަށް އިންޑިއާ ސަރުކާރުން ހެދި ސާވޭއަކުން ދައްކައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައި ވަނީ، ފަހަކަށް އައިސް އިންޑިއާ ރައްޔިތުން ހަށިގަނޑުގެ ބަރުދަން އިތުރުވެ، ފަލަވަމުންދާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ސިއްހަތަށް ދިމާވެދާނެ ގެއްލުމެއްގެ ސަބަބުން ހަށިގަނޑަށް ބަލައިގެން އުޅުމަށް ވެސް މިހާރު އިލްތިމާސް ކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އިންޑިއާ ފާހަގަ ވެފައިވަނީ ހަށިގަނޑަށް އެންމެ ބަލައިގެން އުޅޭ އެއް ޤައުމުގެ ގޮތުގައެވެ. ނަމަވެސް ރިޕޯޓުތަކުން މިހާރު ބުނާ ގޮތުގައި ފާއިތުވީ އަހަރު ތެރޭގައި އިންޑިއާ ފާހަގަވެފައި ވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ފަލަ މީހުން ދިރިއުޅޭ ފަސްވަނަ ޤައުމުގެ ގޮތުުގައެވެ.
އިންޑިއާ ސަރުކާރާއި ކަމާ ގުޅުން ހުރި ފަރާތްތަކުން ހެދި ސާވޭއެއްގައި ބުނެފައި ވަނީ 2016ވަނަ އަހަރު އެ ޤައުމުގައި ފަލަ މީހުންގެ އަދަދު ހުރީ 135 މިލިއަންގައެވެ. ނަމަވެސް އޭގެ ފަހުން އެ އަދަދު އިތުރުވަމުން އައިސްފައިވާ ކަމަށް ވެސް ސާވޭ ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ސަބަބުން ފަލަވުމުގެ ބަލި "އޮބޭސިޓީ" ވެސް އިންޑިއާގައި ހަލުވުކަމާއެކު ފެތުރިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ނޭޝަނަލް ފެމިލީ ހެލްތު ސާވޭގެ ރިޕޯޓަކުން ދައްކައިފައިވާ ގޮތުގައި، އިންޑިއާގައި ފަލަ ފިރިހެނުންނަށް ވުރެ ފަލަ އަންހެނުން ނިސްބަތުން ގިނައެވެ.
"އިންޑިއާއަށް މިހާރު ކުރިމަތިވެފައި މިވަނީ އޮބޭސިޓީގެ ބަލިމަޑުކަމަކާ. މިކަން އަވަހަށް ހައްލު ނުކުރެވިއްޖެ ނަމަ، މިބަލި އާލަމީ ވަބާއަކަށް ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް" ޗެންނާއީގައި ހުންނަ އޮބޭސިޓީ ފައުންޑޭޝަން އޮފް އިންޑިއާގެ ފައުންޑަރ ޑރ. ރަވިންދްރަން ކުމާރިއަން ބުންޏެވެ.
ޑރ. ކުމާރިއަން ބުނި ގޮތުގައި އިންޑިއާގައި މިހާރު ފަލަ މީހުން އިތުރުވެފައި މިވަނީ، ގިނަ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެމުންދާ ގޮތުގެ ސަބަބުންނެވެ. އެގޮތުން ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމުން ދުރުވެ، ގިނަ މީހުން ކަންނެތް ދިރިއުޅުމެއް އުޅެމުންދާކަން ވެސް ޑރ. ކުމާރިއަން ފާހަގަ ކޮށްފައިވެއެވެ.