ދުނިޔެ

މަންކީ ޕޮކްސްއަށް އައު ނަމެއް ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަންކީ ޕޮކްސްއަށް އައު ނަމެއް ދިނުމަށް ނިިންމައި، އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަަބްލިއުއެޗްއޯއިން ވިދާޅުވެއްޖެއެވެ.

Ads by WAMCO

ޑަަބްލިއުއެޗްއޯ އިން މިފަދަ ނިންމުމެއް ނިންމައިފައި ވަނީ، ބަލިތަކަށް ނަން ދިނުމުގައި އެ ބައްޔެއް އުފެދުނު ޖަނަވާރެއް ނުވަތަ ތަނަކަށް ނިސްބަތްކޮށް ނަން ނުކިޔުމަށް 30 ސައިންސްވެރިން ހިމެނޭ ޓީމަކުން ގޮވައިލުމާ ގުޅިގެންނެވެ. އެ ފަރާތްތަކުން ބުނެފައި ވަނީ އެފަދަ ގޮތަކަށް ނަންދިނުމުގެ ސަބަބުން ތަފާތު ކުރުންތައް އިތުރުވާ ކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިގޮތުން 1,600 މީހުންނަށް މިދިޔަ ދެތިން ހަފްތާގައި މި ބަލި ޖެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ.

މަންކީ ޕޮކްސް ފެތުރިފައިވާ ގައުމުތަކުގައި އެ ބަލި ޖެހިގެން 72 މީހުން މަރުވެފައިވާއިރު، އިނގިރޭސިވިލާތް ފަދަ އަލަށް އެ ބަލި ފެނުނު 32 ގައުމުން އެއްވެސް މީހަކު އެ ބަލީގައި މަރުވެފައެއް ނުވެއެވެ.

12 ޖޫންގެ ނިޔަލަށް އިނގިރޭސިވިލާތުން 452 މީހުންނާއި ސްކޮޓްލޭންޑުން 12 މީހުންނާއި އުތުރު އަޔަލޭންޑުން 2 މީހުންނާއި ވޭލްސްއިން 4 މީހުން މި ބައްޔަށް ފައްސިވެފައެވެ. އެފްރިކާގެ ޤައުމުތަކުގައި މި ބައްޔަކީ އާއްމުކޮށް މީހުންނަށް ޖެހޭ ބައްޔެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ އަންނަ ހަފްތާގައި ކުއްލި ބައްދަލުވުމެއް ބާއްވައި ބަލި ފެތުރޭ މިންވަރަށް ބަލައި ކުއްލި ހާލަތެއްގެ ގޮތުގައި ބައިނަލްއަގްވާމީ ގޮތުގައި ގިންތިކުރާނެތޯ ނިންމާނެ ކަމަށެވެ.

މީގެ ކުރިން ، ސްވައިން ފްލޫ، ޕޯލިއޯ، އެބޯލާ، ޒިކާ އަދި ކޯވިޑް ފެތުރުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މަންކީ ޕޮކްސްއަކީ ސްމޯލްޕޮކްސް އާއިލާގެ ވައިރަސްއަކުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ގިނަ މީހުންނަށް މާ ބޮޑު ކަމެއް ދިމާނުވެއެވެ. ބަލީގައި ބޮޑު ވަރުވަނީ މަދު ބައެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!