ވެރިކަމަށް އަރާ ތިބި އެމްޑީޕީގެ ބޮޑުންނާއި އާއްމު މެމްބަރުންނާ ގުޅުމެއް ނެތް: މަލީޙް

ވެރިކަމަށް އަރާ ތިބި އެމް.ޑީ.ޕީގެ ވެރިންނާ އެ ޕާޓީގެ އާއްމު މެމްބަރުންނާ އެއްވެސް ގުޅުމެއް ނެތްކަމަށް މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރު، މަލީހު ޖަމާލް ވިދާާޅުވެއްޖެއެވެ.
މަލީހުގެ ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ 65 މެމްބަރުންގެ ސުޕަރ މެޖޯރިޓީ ދީފި ނަމަ ކޮންމެ ރައްޔިތަކަށް ފްލެޓާއި ގޯއްޗާއި ވަޒީފާއާއި ނުކުރެވި ހުރި ހުރިހާ ކަމެއްކޮށްދޭނެ ކަމުގެ ވަޢުދު މި ސަރުކާރުން ވިކަމަށެވެ. އެހެން ނަމަވެސް މިހާރު ވެރިންނާ އެމް.ޑީ.ޕީގެ އާއްމު މެމްބަރުންނާ އެއްވެސް ގުޅުމެއް ނެތްކަަަމަށް މަލީހު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޖީބުގައި ހުރި ފައިސާކޮޅު ހުސްވެ ސަލާން ޖަހާ މީހުން ގިނަވެފައިވާކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
ރައީސް ސާލިޙުގެ ކެބިނެޓުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި މަލީހު ޖަމާލް އެ މަޤާމުން ވަކިކުރައްވައިފައި ވަނީ މަޖިލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓެއްގައެވެ. އެ ވޯޓުގައި މަލީހުގެ އިތުބާރު ނެތްކަމަށް 59 މެމްބަރަކު ވޯޓު ދެއްވިއެވެ.
އޭގެ ފަހުން މަލީހު އަންނަނީ އިދިކޮޅު ކޯލިޝަނާ ބައިވެރިވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.