ޚަބަރު

ލަންކާގެ ހާލަތު ދެރަކަމުން ވަގުތު އޮއްވައި ވިސާއަށް ހުށަހަޅަން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެލާނާ އިންޓަރނޭޝަންލްގެ ވީއަޕީ ލައުންޖް

އަވަށްޓެރި ޝްރީލަންކާގެ ހާލަތު މިވަގުތު ގޯސްވެފައިވުމާ ގުޅިގެން، ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ބޭނުންވާ ހާލަތްތަކުގައި ދުރާލައި ވިސާއަށް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

Ads by MWSC

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް ފުޅާކޮށް، ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު އަމާޒެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިތުރު ފަސް ޤައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިިމްކުރެވި، މިހާރު ޖުމްލަ 88 ޤައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވެއެވެ. އަދި، އިތުރު 17 ގައުމަކާ އެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިމްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން އަންނަނީ ކުރަމުން ކަމުގައި ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އެ ޤައުމެއްގެ މިޝަނެއް ޤާއިމުކުރެވިފައި ނުވާ ޤައުމުތަކުގެ ވިސާ ހޯދުމުގެ ކަންކަމުގައި ފޮރިން މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވިސާ ދޫކުރުމަކީ އެ ޤައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ، އަދި އެކަމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ޤައުމަކަށް ލިބިފައިވާ ކަމެކެވެ.

މީގެ ތެރޭގައި، ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި، އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި، އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް، ޚުދު ވިސާއަށް އެދޭ ފަރާތް ހާޟިރުވާންޖެހުން ވެސް ހިމެނެއެވެ.

އެހެންކަމުން، އެކަށީގެންވާ ވަގުތު އޮއްވައި ވިސާއަށް އެދި ހުށައެޅުމާއި، ލިޔެކިޔުންތައް ފުރިހަމަކުރުމާއި، ދުރާލައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި ހަމައެއާއެކު، ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ޙާލަތްތަކުގައި، ވިސާ ޕްރޮސެސްކުރުމަށް މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށް ވެސް ވަގުތު ހޭދަވާތީ މިކަމަށް ސަމާލުވުމަކީ ވަރަަށް މުހިއްމު ކަމެއް ކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް، ފަހަކަށް އައިސް ވިސާ ހޯދުމުގައި އެ މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހުށައަޅާއިރު، ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް، އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅައިފައި ހުންނަ މުއްދަތަށް ވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި، އެޕޮއިންޓްމަންޓް ތާރީޚް އަވަސްކުރުމަށް އެދެމުންދާކަން ފާހަގަކުރެވޭ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން، ފުރަން ހަމަޖެހިފައި އޮންނަ ތާރީޚަށް ވިސާ ނުލިބުން ފަދަ ޙާލަތްތައް ތަކުރާރުވަމުން ދާކަމަށް ވެސް ބުނެފައިވެއެވެ.

"ކޮވިޑްގެ ހާލަތާ ގުޅިގެން، އަދި ވަކިން ޚާއްޞަކޮށް، ޝެންގެން ޤައުމުތައް ހިމެނޭހެން، ދިވެހި ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ އެމްބަސީތައް ގިނަ ޢަދަދަކަށް ހުންނަ ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ހަކަތައިގެ ކާރިޘާއާ ގުޅިގެން، ވިސާ ސެންޓަރުތަކާއި އެމްބަސީތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައި، މަސައްކަތުގެ ގަޑިތައް މަދުކޮށް، އެޕޮއިންޓްމަންޓްތައް ލިމިޓްކޮށްފައިވާކަން ފާހަގަކުރަމެވެ." ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން މި ދަނޑިވަޅުގައި، ރައްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި، ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި، ދުރާލާ އެޕޮއިންޓްމަންޓް ހޯދާ، ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް އެންމެހައި ފަރާތްތަކަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.

Ads by Allied Insurance
  1. ލަންކާ ބޯއީ

    ކޮންތާކު މިހާރު މާފަސެހަ އޮންލައިން ކޮއް އެޕުލައި ކޮއްލާ އިރައް ލިބޭ،