ސްޓެލްކޯގައި އެންމެ ފުރަތަމަ މަސްލަހަތު އޮންނަން ޖެހޭނީ ކަސްޓަމަރުންގެ، އެއަށް ފަހު ސްޓާފުންގެ: ޝަރީފް
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރު ކުންފުނި ކަމަށްވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ނިންމާ ނިންމުންތަކުގައި އެންމެ ފުރަތަމަ މަސްލަހަތު އޮންނަން ވާނީ ކަސްޓަމަރުންގެ ކަމަށާއި އެއަށް ފަހު އެ ކުންފުނީގެ ކަސްޓަމަރުންގެ ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވެފައެވެ.
ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު އެ ކުންފުނީގައި ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަ ދައްކަމުން ޝަރީފު ވިދާޅުވީ މިއަދަކީ އެކުންފުނި ނޫކަށި ޒުވާނަކަށްވެ ރައްޔިތުންނަށް ދޭ ހިދުމަތް އައު ހިތްވަރަކާ އެކު ދޭން ފަށާ ދުވަސް ކަމުގައެވެ.
މިއަދުގެ އެ ހަފްލާގައި އެމްޑީ ޝަރީފު ވަނީ، ފާއިތުވީ 25 އަހަރު ތެރޭގައި ސްޓެލްކޯއަށް ހިދުމަތް ކޮށްދެއްވި ބޭފުޅުންްގެ ނަންތައް ފާހަގަކޮށް، އެބޭފުޅުން ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަން ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ޝަރީފު ވިދާޅުވީ ސްޓެލްކޯގެ މުވައްޒިފުން މިއަދުން ފެށިގެން ކުންފުނީގެ ނަމުގެ ގޮތުގައި ބޭނުން ކުރާނީ "އަޅުގަނޑުމެންގެ ކުންފުނި" ކަމަށެވެ.
“ކަސްޓަމަރ އޮރިއެންޓެޑް ކުންފުންޏެކޭ މި ދަންނަވަނީ އަޅުގަނޑުމެންގެ ހުރިހައި ޑިޒިޝަންތަކެއް, ނިންމާ ނިންމުންތަކެއް އެންމެ ފުރަތަމަ މަސްލަހަތު އޮންނަންޖެހޭނީ ކަސްޓަމަރުގެ. އެއަށް ފަހު އަޅުގަނޑުމެންގެ ސްޓާފުންގެ. އެގޮތަށް މަސައްކަތް ކޮށްގެން ނޫނިއްޔާ އާންމުންގެ ތެރޭގައި މަގުބޫލު ކުންފުންޏެއްގެ ގޮތުގައި ހެދޭނެ ކަމަކަށް ގަބޫލެއް ނުކުރަން,” ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މިއަދުން ފެށިގެން ސްޓެލްކޯއަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.