ޔޯގާ ހަރަކާތަށް ރަސްފަންނު ނުދޭން ނިންމައިފި

ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ޔޫތް މިނިސްޓްރީއާ ގުޅިގެން ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް ރަސްފަންނު ދޫނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާދަމާ 6:30ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޯގާ ހަރަކާތަށް އެތަން ދޫނުކުރަން ނިންމައިފައި ވަނީ އެގޮތަށް ކައުންސިލްގައި އާއްމުންގެ ގިނަ ބަޔަކު އެދެމުންދާތީ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު 6:30ގައި ބާއްވާ ޔޯގާ ހަރަކާތަށް ރަސްފަންނު ދޫކޮށްދިނުމަށް ޔޫތު މިނިސްޓްރީން އެދިފައިވާ ކަމަށާއި ނަމަވެސް އެ ހުއްދަ ނުދޭން ނިންމައިފައިވާ ކަމަށެވެ.
މިމަހު 12ވަނަ ދުވަހު ގިނަ ބައިވެރިންނާ އެކު ސަލްޓަން ޕާކުގައި ވެސް ވަނީ ޔޯގާ ސެޝަނެއް ބާއްވައިފައެވެ.
ކޮންމެ އަހަރެއްގެ ޖޫން 21 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.
މި ސެޝަން ބޭއްވުމަށް ހުޅުވައިލުމުން ޔޯގާ ހެދުމަކީ އިރަށް އަޅުކަން ކުރުމުގައި ހިމެނޭ ކަމެއް ކަމަށް ބުނެ ދީނީ ގިނަ އިލްމުވެރިންނާއި އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.