ޚަބަރު

ބާ އިމްތިހާނު ނޮވެމްބަރަށް ފަސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފައިވާ ބާ އިމްތިހާނު މިއަހަރު ނޮވެމްބަރު މަހަށް ފަސް ކުރުމަށް ބާ ކައުންސިލުން ނިންމައިފިއެވެ.

Ads by MWSC

މިއިމްތިހާނު ފަސް ކުރުމަށް ބާ ކައުންސިލުން ނިންމައިފައި ވަނީ ވަރަށް ގިނަ ދަރިވަރުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ބާ ކައުންސިލްގައްޔާއި، ކަމާއި ގުޅުންހުރި އިދާރާތަކުގައި އެދިފައި ވަނިކޮށެވެ. މިކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ބާ ކައުންސިލުން ވަނީ އިމްތިހާނު މިއަހަރުގެ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފައެވެ.

ނޮވެމްބަރުގައި ބާއްވާ އިމްތިހާނުގައި، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމި ބާ އިމްތިހާނުގައި ރަޖިސްޓްރީވި ދަރިވަރުންގެ އިތުރުން، ރަޖިސްޓްރީ ކުރުމަށް ފަހު ނަން ނެގި ދަރިވަރުންނަށް ވެސް ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް ބާ ކައުންސިލުން ވިދާޅުވެފައިވެއެވެ.

އެކައުންސިލުން މިހާރު ވަނީ ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވުމަށް ޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. އިމްތިހާނު ނޮވެމްބަރުގައި ބޭއްވުމަށް ނިންމި ނަމަވެސް އަދި އިމްތިހާނުގެ ފީއާ މެދު ދަރިވަރުންގެ ކަންބޮޑުވުން އޮތް ނަމަވެސް ބާ ކައުންސިލުން ނިންމައިފައި ވަނީ ފީއެއްގެ ގޮތުގައި މިހާރު ވެސް ނަގާ އަދަދަށް 10،000 ރުފިޔާގެ ފީއެއް ނެގުމަށެވެ.

ބާ އިމްތިހާނާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހަށް ވަނީ އިސްލާހެއް ވެސް ހުށަހަޅައިފައެވެ. އެގޮތުން ޤާނޫނަށް ޢަމަލުކުރަން ފެށިއިރު ވަކީލުކަމުގެ ހުއްދަ ނުލިބޭ މީހުން ބާ އިމްތިޙާނާއި، ތަމްރީނު ފުރިހަމަކުރުން އިސްތިސްނާވާ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!