ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ލީކުވުމުގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް ނެތް: އޭސީޕީ ރިޔާޒް
މި ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވަމުންދާ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް އާންމުވުމުގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
އޭސީޕީ ރިޔާޒް މިހެން ވިދާޅުވެފައި ވަނީ ގިނަ ދުވަސްތަކަކަށް ފަހު އިސްކަންދަރުކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އޭސީޕީ އަލީ ސުޖާޢު ވެސް ބައިވެރިވެވަޑައިގަތެވެ.
ފަހަކަށް އައިސް މީސް މީޑިއާގައި ހަލުވިކަމާ އެކު ދަނީ އިސްމަގާމުތަކުގައި ތިބި ބައެއް ބޭފުޅުންގެ ކަމަށް ބެލެވޭ ވީޑިއޯތަކެއް ދައުރުވަމުންނެވެ. އަދި އެ ވީޑިއޯތައް އާންމުވުމާ ގުޅޭގޮތުން ސަރުކާރުގެ ބައެއް އިސްފަރާތްތަކުން ތުހުމަތުކޮށްފައި ވަނީ، އެ ވީޑިއޯތައް އާންމުކޮށްފައި ވަނީ ފުލުހުން ގުޅިގެން ކަމަށެވެ.
މި ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންގެ ބަހަކީ ކޮބައިތޯ "ދެން"އިން ސުވާލު ކުރުމުން އޭސީޕީ ރިޔާޒް ވިދާޅުވީ މިކަމަކީ ފުލުހުން އިސްވެ ފުލުހުންގެ ތެރޭގައި ހިނގާ ކަމެއް ކަމަށް ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ތަހުގީގުން ވެސް އެކަހަލަ މައުލޫމާތެއް ހޯދިފައި ނެތް ކަމަށެވެ.
"މީގައި ފާހަގަ ކޮށްލަން ޖެހޭ ނުކުތާއެއް އެބައޮތް. ރާއްޖެއަކީ ނިސްބަތުން މީސްކޮޅު މަދު ތަނެއް، އެހެންވީމަ އާއިލީ ގޮތުން، ރަށްޓެހިންގެ ގޮތުން ނޫނީ ކުޑައިރުގެ ކްލާސްމޭޓުންގެ ގޮތުން އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކީ ވަރަށް ބޮޑަށް ގުޅިފައިވާ ބައެއް. އެހެންވީމަ ފަހަރެއްގައި (މިސާލަކަށް) މި މައްސަލައިގައި ހިމެނޭ މީހަކާ އާއިލީގޮތުން ވިޔަސް ގުޅުމެއް ހުރި ފުލުހަކު ކޮންމެ ވެސް މަގާމެއްގައި ނުވަތަ މުއައްސަސާއެއްގައި ވަޒީފާއެއްގައި ހުރުމަކީ މި މައްސަލައިގައި ފުލުހުން ހިންގާ ރެކެޓެއްގެ ގޮތުގައި މާނަ ކުރަން ޖެހޭ ސަބަބެއް ނޫން" އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން އޭސީޕީ ވިދާޅުވީ ފުލުހުންގެ ތެރެއިން ބަޔަކު މިކަން ކުރަމުންދާ ކަމަކަށް އެއްވެސް ފަރާތަކުން މިހައިތަނަށް އެކަހަލަ އެއްވެސް މައުލޫމާތެއް ހުށަހަޅައިފައި ނެތް ކަމަށެވެ.