ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ފުރިހަމަކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ: އިމްރާން

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ފުރިހަމަކުރުމަށް ޓަކައި ދައުލަތުގެ ހުރިހައި މުއައްސަސާއެއް އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ޔޫއެންއޯޑީސީއާ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕް އޮން "އިމްޕްލިމެންޓޭޝަން އޮފް ޑައިވާޝަން ފޯ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދި ލޯ" ފައްޓަވައި ދެއްވައި އިމްރާން މިއަދު ވިދާޅުވީ ވޭތުވެދިޔަ ބައިގަރުނެއްހައި ދުވަސްތެރޭގައި ރާއްޖޭގެ މުޅި އިޖުތިމާޢީ ވެށްޓަށް އަންނަމުން ދިޔަ ބަދަލުތަކުގެތެރޭގައި އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ ކުޑަކުދިންނަށް ރަނގަޅު މަގެއް ހޯދޭނެ ހައްލެއް ރަނގަޅަށް ހޯދިފައިނެތުން ކަމަށެވެ.
''އެނގިވަަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކުޑަކުދިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ރަނގަޅު ޤާނޫނުތައް އަޅުގަނޑުމެން ބޭނުންވެފައިވާތާ އެތައް ދުވަހެއްވެއްޖެ.''
އިމްރާން ވިދާޅުވީ މި މަސައްކަތް އެކި ސަރުކާރުތަކުން އެކި މިންވަރަށް ކުރަމުން ގޮސް މި ސަރުކާރު އައުމާއެކު އެންމެ އިސްކަމެއް ދިން އެއް ކަމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދުކުރުން ކަމަށެވެ. އެ ގޮތުން އެ ކަންކަން ފުރިހަމަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ފުރިހަމަކުރުމަށް ޓަކައި ދައުލަތުގެ ހުރިހައި މުއައްސަސާއެއް އެކުގައި މަސައްކަތްކުރުން ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ނަތީޖާއަކާ ހަމައަށްދެވޭނީ ގުޅުން ހުރި ހުރިހައި މުއައްސަސާތައް އެކުގައި މަސައްކަތްކޮށްގެންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.