34 ރަށަށް އުދައިގެ އަސަރުކޮށް 451 ގެއަކަށް ގެއްލުންވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި އުދަ އެރުމުގެ ސަބަބުން 451 ގެެއްލުން ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި އުދަ އެރުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ރިޕޯޓުކޮށް އެންޑީއެމްއޭއިން ބުނީ މި މަހުގެ އެއްވަނަ ދުވަހުން މިއަދާ ހަމައަށް 11 އަތޮޅެއްގެ 34 ރަށަށް އުދައިގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެ ގޮތުން ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލް އިދާރާތަކުން ކުރަމުންގެންދާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއިން ހާމަކުރި ގޮތުގައި ރެއާއި މިއަދު މޫސުން ގޯސްވެ ވައިބާރުވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުތުރުގެ ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި ހަމައެހެންމެ ގދ.މަޑަވެލީގެ ހަތަރު އާއިލާއަކާއި ތިމަރަފުށީގެ އެއް އާއިލާއާއި އައްޑޫ ސިޓީ މަރަދޫގެ އެއް އާއިލާ ތިބީ ކައުންސިލު އިދާރާގެ ވަގުތީ ބޯހިޔާވަހިކަމުގައިކަމަށް އެ އިދާރާއިން ހާމަކުރެއެެވެ.