ވަޒީފާ ނެތް މީހުންނަށް އެހީވުމަށް ވޯލްޑް ބޭންކާ ގުޅިގެން ސްކީމެއް
ރާއްޖޭގައި ވަޒީފާ ނެތް ފަރާތްތަކަށް އެހީވުމަށް ވޯލްޑް ބޭންކާ ގުޅިގެން އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް ތަޢާރަފުކުރުމަށް ދިވެހި ސަރުކާރުން ވޯލްޑް ބޭންކާ އެކު ސޮއިކޮށްފިއެވެ.
ވަޒީފާނެތް ފަރާތްތަކަށް ޚާއްސަ އިނާޔަތެއް ދިނުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތެކެވެ. އެގޮތުން އެ ފަދަ ފަރާތްތަކަށް އެހީވުމުގެ ގޮތުން އަންއެމްޕްލޯއިމަންޓް ބެނެފިޓް ސްކީމެއް ތަޢާރަފުކުރުމަށާއި، "އެކްޓިވް ލޭބަރ މާރކެޓް ސާރވިސަސްގެ ޚިދުމަތް ތަޢާރަފުކޮށް ފުޅާކުރުމަށް "ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓަޑް ލޭބަރ ސާރވިސަސް" ނުވަތަ "ސެއިލްސް ޕްރޮޖެކްޓް" ހިންގުމަށް ވޯލްޑް ބޭންކާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުން ރާއްޖެއަށް ޚާއްސަކޮށްފައިވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް-ރާރވޮސްއެވެ. ފިނޭންސް މިނިސްޓަރ ވަނީ ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރާ އެކު ރާއްޖެއަށް އެކި ދާއިރާތަކުން މާލީ އެހީތެރިކަން ހޯދުމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ސެއިލްސް ޕްރޮޖެކްޓުގެ ދަށުން އަންއެމްޕްލޯއިމެންޓް ބެނެފިޓް ސްކީމެއް ޤާއިމުކުރުމަށާއި، އެއް ވިއުގައަކުން ވަޒީފާގެ ބާޒާރާއި ގުޅުންހުރި ޚިދުމަތްތައް ނުވަތަ "އެމްޕްލޯއިމަންޓް ސާރވިސަސް"ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ވޯލްޑް ބޭންކުގެ ފަރާތުން ފޯރުކޮށްދޭނެއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް މި ޚިދުމަތްތައް ލިބޭނެގޮތް ހަމަޖެއްސުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބް ސެންޓަރުތައް ޤާއިމުކުރާނެއެވެ. އަދި ޖޮބް ސެންޓަރުތައް މެދުވެރިކޮށް ވާޒީފާއަށް ބޭނުންވާ ހުނަރާއި ތަމްރީނުގެ އެކިއެކި ފުރުޞަތުތައް ހުޅުވައިލައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނެފިޓް ސްކީމަށް ހުށަހަޅާ ފަރާތްތަކުން އަނބުރާ ވަޒީފާގެ މައިދާނަށް ނެރުމަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައި ވަނީ އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން 2027ގެ ނިޔަލަށެވެ. އަދި މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު، މި އަހަރުގެ ތެރޭގައި ވެސް މި ޕްރޮޖެކްޓުގެ އިތުރު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.