މާލެއިން ގޯތި ދޫކުރުން އިންސާފުވެރިތޯ ބަލަން މަޖިލީހަށް
މާލޭ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ދައުލަތަށް އެންމެ އިންސާފުވެރި އަދި ފައިދާ ހުރި ގޮތްތޯ ބަލަން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިރާޖު ފޮނުއްވެވި ސިޓީގައި ވަނީ މީގެ ކުރިން ބޯހިވާހިކަން އެންމެ ބޮޑަށް ބޭނުން ޖެހިފައި ތިބި މީހުންނަށް ފްލެޓު ދޫކޮށްފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށް ވާއިރު، މި ގޮތަށް ހިލޭ ގޯތި ދޫކުރުމަކީ ހިޔާ ފްލެޓު ލިބުނު މީހުންނަށް ވެސް ކުރާ މަލާމާތެއްގެ ގޮތުގައި ސިފަވާ ކަމަށް ވިދާޅުވެފައެވެ.
ސިރާޖު ވަނީ މާލޭ ސަރަހައްދުގެ ބިމުގެ ޑިމާންޑު އިންތިހާއަށް ބޮޑުކަން ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން މިހާރު ދޫކުރުމަށް ނިންމައިފައިވާ 5000 ގޯއްޗަކީ ވެސް ވިއްކައިގެން ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދިދާނެ ތަނެއްކަން ފާހަގަކޮށްފައިވެއެވެ.
"ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތުގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގުހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން،" ސިރާޖު ވިދާޅުވެފައިވެއެވެ.
އޭނާ ވަނީ މި ބިންތައް ބީލަމުގެ އުސޫލުން ވިއްކައިފި ނަމަ ދައުލަތަށް ލިބޭނެ އާމްދަނީ ވެސް އަންދާޒާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.