ޚަބަރު

މުސްލިމުންގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން: އީދު ޚުތުބާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އަހަރުމެންނަކީ ބައިބައި ނުވެ އުއްމަތުގެ މަޞްލަޙަތުތައް ޙާސިލްކުރުމަށް ޓަކައި އެއްގަލަކަށް އަރައި މަސައްކަތް ކުރާ ބަޔަކަށްވުމަށް މިއަދުގެ ޢީދު ޚުތުބާގައި ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

މި އަހަރުގެ އަޞްޙާ ޢީދުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ ޢީދުލްއަޟްޙާގެ ޙަޤީޤަތާއި މަޤްޞަދުތަކަށެވެ.

މިއަހަރު ރާއްޖޭގައި އެކި ހިސާބުތަކުގައި ކުރިއަށް ދިޔަ ޢީދު ނަމާދުގެ ޚުތުބާގައި ވަނީ މާތް ﷲއަށް ބިރުވެތިވެ ތަޤްވާވެރިވުމަށާއި މި ޢީދާއެކު ދިިރިއުޅުމުގެ ރަނގަޅު އައު ޞަފްހާއެއް ހުޅުވައިލާން އިލްތިމާސްކުރައްވައިފައެވެ. އަދި މި އައު ޞަފްޙާގެ ތެރެއިން އަޅުގަނޑުމެންގެ މިއަދުގެ ޙާލަތު މިއަށް ވުރެ ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ. ޚުތުބާގައި ވަނީ އަޅުގަނޑުމެންނަށް ޢިއްޒަތާއި ޤަދަރު ލިބިގެން ވާނީ މުޅި ޙަޔާތުގެ ސަމުގާއަކީ އިސްލާމް ދީނާއި އެދީނުގެ ރިވެތި އަޚްލާގުކަމުގައި ހަދައިގެންކަން ފާހަގަކުރައްވައިފައެވެ.

މި ޢިއްޒަތާއި ޤަދަރު ޙާސިލް ކުރެވޭނީ އަހަރެމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ހަރުދަނާކޮށްގެންކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވީ އަހަރުމެންނަކީ ބައިބައި ނުވެ އުއްމަތުގެ މަޞްލަހަތުތައް ޙާސިލްކުރުމަށް ޓަކައި އެއްގަލަކަށް އަރައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވީ އެއްބައިވަންތަކަމާއި އެކުވެރިކަން ކަމަށާއި، ލިބިފައިވާ ނާކާމިޔާބުތަކުގެ ސަބަބަކަށްވީ ބައިބައިވުންކަން ފާހަގަކުރެއްވިއެވެ.

"އަދި ﷲއަށާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުން ނުވާށެވެ!(ދެބަސްވެ އަރާރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ.އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. ﷲވޮޑިގެން ވަނީ ކެތްތެރިންނާ އެކުގައެވެ." މާތް ﷲ ވަހީ ކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

ޢީދު ޚުތުބާގައި ވަނީ އިބްރާޙިމް ޢަލައިހި ޞަލާމް އިމްތިޙާން ކުރެއްވީ އެކަލޭގެފާނުގެ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމަށް ޓަކައިކަން ފާހަގަކުރައްވައިފައެވެ. އަދި އިބްރާޙިމްގެފާނަށް ކުރިމަތިކުރެއްވި އިމްތިޙާންއަކީ ދުނިޔެ މަތީގައި މީހަކަށް ކުރިމަތިލާން ނުޖެހޭ ފަދަ ބޮޑު އިމްތިހާނެއްކަން ފާހަގަކުރައްވައި ޚުތުބާގައި ވަނީ މުސްކުޅިވި ދުވަހު އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ދަރިކަލުން ޤުރުބާން ކުރައްވަން ޖެހިވަޑައިގެންވިކަން ހަނދުމަކޮށްދެއްވައިފައެވެ. އަދި އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާޢިލްގެފާނުގެ ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށާއި މާތް ﷲއަށް ކިޔަމަންގަތުމަށް ފަހު މައިންބަފައިންގެ ބަސްއަހަން ޖެހޭނެކަމުގެ ހެޔޮ މިސާލުކަން ވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

"އަދި ޤަދަރު ބޮޑުވެގެންވާ ( ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ. އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ. އިބްރާހީމްގެފާނުގެ މައްޗަަށް ސަލާމް ހުށްޓެވެ. އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ. އަދި ޞާލިހުންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައިވާ އިސްޙާޤުގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނާއި، އިސްހާޤުގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ބަރަކާތް ލެއްވީމެވެ." މާތް ﷲގެ ވަޙީގެ ބަސްފުޅުގެ މާނައިގައިވެއެވެ.

ޚުތުބާ ނިންމަވައިލައްވަމުން ވަނީ މާތް ﷲއަށް ތަޤްވާވެރިވުމަށް ގޮވާލައްވައިފައެވެ. އަދި އިސްލާމް ދީނުގެ އަޤީދާގައި ވަރުގަދައަށް ހިފަހައްޓައި ދީނުގެ ވާޖިބުތަކާއި ފަރުޞުތަކަށް ރައްކާތެރިވެ ފުރިހަމައަށް އަދާކުރުމަށް ނަޞޭހަތްތެރިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!