ދުނިޔެ

ފްރާންސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ހާހެއްހާ މީހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގައިވާ ފަރަންސޭސި ވިލާތުގެ ޖަންގަލީގެ ސަރަޙައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލުމަށް އެތައް ސަތޭކަ ބަޔަކަު މަސައްކަތް ކުރަމުން އެބަދެއެވެ. ގާޑް ޑިޕާޓްމަންޓް ހިމެނޭ ސަރަޙައްދުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގައި މިހައިތަނަށް 600 ހެކްޓަރުގެ ސަރަޙައްދެއް އެއްކޮށް ވަނީ އަނދާ ހުލިވެފައެވެ.

Ads by Sosun Fihaara

އަލިފާން ނިއްވުމުގައި ހާހަކަށް ވުރެ ގިނަ މީހުން ހަރަކާތްތެރި ވަމުންދާއިރު, އެހެން ސަރަޙައްދުތަކަށް އަލިފާންގަނޑު ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އަލިފާން ނިއްވާ މީހުން ބުނެއެވެ. ނަމަވެސް, އަލިފާންގަނޑު މުޅިން ނިއްވައިލުމަށް އަދި އެތައް ދުވަހަކު މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ގާޑް ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނެއެވެ. އަލިފާންގަނޑުގެ ސަބަބުން ޢާންމުންގެ ގެދޮރަށް ނުރައްކާވުމުން އެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އަލިފާން ނިއްވުމުގައި މަސައްކަތް ކުރަމުންދާ 18 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ގާޑް ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނެއެވެ. ނަމަވެސް, މި ކަމުގެ އަސަރު ޢާންމުންގެ އެއްވެސް މީހަކަށް ކޮށްފައެއް ނުވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދުގެ މޫސުން އިތުރަށް ގޯސްވެ, ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައި ވާތީ, އަލިފާން ނިއްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށް ބެލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!