އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާކިޔައި ސްޓޭޖުތަކަށް އެރުވުމަކީ ލަދުވެތިކަމެއް: ޢަލީ ރަމީޒު
އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާކިޔައި ސްޓޭޖުތަކަށް އެރުވުމަކީ އިންތިހާއަށް ލަދުވެތިކަމެއްކަމަށް ވިދާޅުވެ ޢަލީ ރަމީޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޢަލީ ރަމީޒު މިހެން ވިދާޅުވެފައި ވަނީ ޓިކްޓޮކް ތަރި މަރްޔަމް ޝިފާ ރާއްޖޭގެ ބައެއް ރަށްރަށަށް ގޮސް އީދު ޝޯތަކުގައި ބައިވެރިވަމުންދާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން ވަނީ ޝިފާ އެއް ޖިންސުން ގުޅުން ހިންގާކަމަށް ބެލެވޭ ވީޑިއޯތަކެއް ވެސް އާންމުވެފައެވެ.
ޢަލީ ރަމީޒް މިއަދު ވިދާޅުވީ ޤާނޫނު ބުނާ ގޮތުން އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް 16 އަހަރުގެ ޖަލު ހުކުމެއް އަންނަ ކަމަށާއި, ނަމަވެސް އެ މުޑުދާރު ނަޖިސް އަމަލު ހިންގައިފައި ތިބޭ ވަކި ބަޔަކު މިނިވަންކަމާ އެކު އުޅެމުންދާ ކަމަށެވެ. އަދި އޭގެތެރެއިން އެއްބަޔަކު ސޯޝަލް މީޑިއާގައި ހަމަ ކުރިއެކޭ ވެސް އެއްގޮތަށް އެކްޓިވްކޮށް އުޅެމުންދާ އިރު އަނެއް ބަޔަކު އީދު ފާހަގަ ކުރުމުގެ ނަމުގައި ރަށްރަށަށް ގޮސް ނަށައި, ނާޗަރަންގީ ކުޅެމުންދާކަމަށް ވިދާޅުވިއެވެ.
މިފަދަ މުޑުދާރު މީހުންނަށް މަރުހަބާކިޔައި ސްޓޭޖަށް އެރުވުމަކީ އިންތިހާއަށް ލަދުވެތިކަމެއް ކަމަށް ވިދާޅުވެ ޢަލީ ރަމީޒް ވަނީ މި ކަންކަން ރާވާ އިންތިޒާމުކުރާ މީހުން ﷲއަށް ބިރުވެތިވުމަށް ގޮވައިލައިފައެވެ.