ޚަބަރު

ޝާހުރުކްގެ ގެ ކައިރިން ރަންވީރު އަގުބޮޑު ގެއެއް ގަނެފި

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ބޮލީވުޑުގެ ކާމިޔާބު ތަރި ރަންވީރު ސިންގު، މުމްބާއީއިން އަގުބޮޑު ސީވިއު އެޕާޓްމެންޓެއް ގަނެފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by MWSC

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަންވީރު ގަނެފައިވާ ހަތަރު ހައުސިން ޔުނިޓު ހިމެނޭ ގޮތަށް ހުންނަ ކުއެޑްރަޕްލެކްސް އެޕާޓްމެންޓެކެވެ. އެގޮތުން އެ އިމާރާތުގެ 16، 17، 18 އަދި 19ވަނަ ފްލޯ ރަންވީރު ގަނެފައިވާ އިރު، އެއީ ޓެރަހާ އެކު 13000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެކެވެ.

މިތަން ގަތުމުން ރަންވީރަށް އެ އެޕާޓްމެންޓް ކޮމްޕްލެކްސްއިން 19 ކާރު ޕާކިން ޖާގަ ވެސް ލިބޭނެއެވެ.

ރަންވީރު މި އެޕާޓްމެންޓުތައް ގަނެފައި ވަނީ 15 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަގެއްގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރަންވީރު އެޕާޓްމެންޓް ގަނެފައި ވަނީ ސަލްމާން ޚާނާއި ޝާހުރުކް ޚާން ފަދަ މަޝްހޫރު ތަރިންގެ ގެ ހުންނަ ސަރަހައްދަކުންނެވެ.

ރަންވީރަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި އެއް އެކްޓަރެވެ. އަދި އޭނާ ވަނީ މިހައިތަނަށް ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބައެއް ޑައިރެކްޓަރުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިފައެވެ.

އެގޮތުން ސަންޖޭ ލީލާ ބަންސާލީގެ ތިން ފިލްމެއްގައި ރަންވީރު މަސައްކަތްކޮށްފައިވާ އިރު އޭނާ ވަނީ އަދިތިޔާ ޗޯޕްޅާ، މަނީޝް ޝަރުމާ، ޒޯޔާ އަހްތަރު، އަލީ އައްބާސް ޒަފަރު އަދި ރޯހިތު ޝެޓީ ފަދަ ކާމިޔާބު ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްފައެވެ.

އޭނާ ކައިވެނިކޮށްފައި ވަނީ ވެސް ބޮލީވުޑުގެ އެންމެ މަޝްހޫރު އެކްޓުރެސުންގެ ތެރޭގައި ހިމެނޭ ދީޕިކާ ޕަދުކޯންއާއެވެ.

ރަންވީރާއި ދީޕިކާ ރައްޓެހިވީ ރާމް ލީލާގެ މަސައްކަތް ކުރި ދުވަސްވަރުއެވެ. ހަ އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު އެ ދެ މީހުން ކައިވެނި ކުރީ 2018ވަނަ އަހަރުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!