ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ރަނގަޅު: ފޮރިން މިނިސްޓްރީ
މަސްލަހަތު ގޯސްވެފައިވާ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ހާލަތު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓްރީއާއި، ލަންކާގައި ހުންނަ ދިވެހި އެމްބަސީން އަންނަނީ ހާލަތު ވަރަށް ރަނގަޅަށް މޮނިޓާ ކުރަމުން ކަމަށެވެ.
އަދި، ލަންކާގެ އިގްތިސާދީ ހާލަތާ ގުޅިގެން ހުރި ގޮންޖެހުންތައް ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގެ މަސްލަހަތު ގޯސްވެފައި މިވަނީ، އެ ޤައުމަށް މިހާރު ކުރިމަތިވެފައި މިވާ އިޤްތިސާދީ ކާރިސާއާ ގުޅިގެންނެވެ. އެގޮތުން ލަންކާގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާކުރުމާ ގުޅިގެން އެ ޤައުމުގައި ވަނީ ކާފިއު ވެސް އިއުލާނުކޮށްފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުގެ އެންގުމަށް ބެލުމެއް ނެތި ރައްޔިތުން ވަނީ މަގުތައް މައްޗަށް ނިކުމެ، ޝްރީލަންކާގެ ބޮޑު ވަޒީރާއި ރައީސް އިސްތިއުފާ ދެއްވުމަށް ގޮވައިލައި، ދެ ބޭފުޅުން އިސްތިއުފާ ނުދެއްވަނީސް މުޒާހަރާތައް ހުއްޓައިނުލާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އިސްތިއުފާ ދިނުމަށް ގޮވާލައި ގޯތާބަޔާގެ ގެކޮޅަށް އާއްމުންގެ ބަޔަކު ވަނުމުން، ސަލާމަތީ ބާރުތަކުގެ އެހީގައި އެ މަނިކުފާނު ވަނީ ގެކޮޅުން ނިކުންނަވައިފައެވެ. މިދިޔަ ހޮނިހިރު ދުވަހު ދިން އެ ހަމަލާއަށް ފަހު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ ނޭވީ ބޯޓެއްގައި ކަމަށާއި އެ ދުވަހަށް ފަހު ރަސްމީކޮށް އެ މަނިކުފާނު ޤައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވައިފައި ނުވާ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
ގެކޮޅަށް ދިން ހަމަލާތަކާއި ޝްރީލަންކާގެ އާންމު މަސްރަހަށް ދިމާވެފައިވާ ގެއްލުންތަކާ ގުޅިގެން ރައީސްކަމުން އިސްތިއުފާ ދެއްވަން ގޯތާބަޔާ ނިންމަވައިފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ އިއުލާނު ކުރައްވައިފައެވެ. ނަމަވެސް ގިނަ ރައްޔިތުން ބުނީ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް އެ މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި މުޒާހަރާތައް ކުރިއަށް ގެންދިޔުމުން، ރައީސް އިސްތިއުފާ ދެއްވަން ނިންމަވައިފައިވާކަން ބޮޑުވަޒީރުގެ އޮފީހުން މިއަދު ވަނީ އިއުލާނު ކުރައްވައިފައެވެ.
ތެލާގޭސް ނެތި ދަރުން ކައްކަން ޖެހިފަ ދުވާލަކު ތިންހަތަރު ގަޑިއިރަށް ކަރަންޓް ކަނޑާ އެކަމަކު ތިޔަ ބުނަނީ އެމީހުންގެ ހާލު ރަގަޅުކަމަށް.
ކަޑަ
ކިހިނެއް ހާލު ބަލާ ވާހަކަ ބާ.. އެއްވެސް ހާލެއް ނުބަލާ.. އެންބަސީ އެއީ ހަމަ ނެއްތަނެއް ..މިތާ ދިރިއުޅޭމީހުންނަށް އެގޭނެ..