ޚަބަރު

ގޮޓަބަޔާ ފިއްލަވާ ހުންނެވީ އިތާފުށީގައި، މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަނީ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ލަންކާއިން ފިލައިގެން ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ އައި ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ހުންނެވީ ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގައި ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

Ads by MWSC

ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ޓްރާންސިޓެއްގެ ގޮތުގައެވެ، އަދި ހިމާޔަތް ދޭ ގައުމުން ހުރިހާ ކަންކަމެއް ހަމަޖެހުނީމަ ފުރާވަޑައިގަންނަވާނެއެވެ.

އެގޮތުން، ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިރޭ ސިންގަޕޫރު އެއާލައިންގެ ބޯޓަކުން ގޮތަބަޔާ އެ ގައުމަށް ފުރާވަޑައިގަންނަވާނެއެވެ.

މިއަދު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާ ގޮޓަބަޔާ ރާއްޖެ އައިސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ގޮޓަބަޔާ ޤައުމުން ފިއްލަވާފައިވަނީ، ލަންކާގެ ޤާނޫނު އޮންނަ ގޮތުން ވެރިޔަކު ހައްޔަރު ކުރުމަކީ ކުރެވޭނެ ކަމެއް ނުވާތީ ކަމަށް ބެލެވެއެވެ.

ގޮތަބާޔާ ރާއްޖެ ވަޑައިގަތުމާ ގުޅިގެން ރާއްޖޭގައި މިއަދު މުޒާހަރާކޮށްފައިވެއެވެ. އެހެންނަމަވެސް ފުލުހުން ވަނީ މުޒާހަރާ ރޫޅާލާފައެވެ.

މިއަދު ކާނިވަލު ސަރަހައްދުގައި 3:30ގައި ފެށި މުޒާހަރާ ފެށިތާ ކުޑައިރުކެޅެއްގެ ތެރޭގައި ފުލުހުންވަނީ މުޒާހަރާ ބައިވެރިންނަށް ހުރަސްހަޅާފައެވެ. އަދި މުޒާހަރާގެ ބައިވެރިން ޚިޔާލުފާޅު ކުރަން ގެންގުޅުނު ބެނާތަކާއި، ލަންކާގެ ދިދަތައް ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

މުޒާހަރާގެ ބައިވެރިޔަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މުޒާހަރާގެ ތެރެއިން އެއްވެސް ވަރަކަށް ހަމަނުޖެހުން ފެނިގެން ގޮސްފައެއް ނުވެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮޓަބަޔާ ރާއްޖެ ވަޑައިގަތް ވަގުތު އޭނާއަށް މަރުޙަބާ ދެންނެވުމަށް ރައީސް ނަޝީދު ވަނީ އެއަޕޯޓަށް ވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ނަޝީދަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް, ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ. އެހެންނަމަވެސް މަޖިލީހުން ވަނީ އެކަމަކީ އެ އިދާރާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ބުނެފައެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!