ވަގުތުން ނަތީޖާ ލިބޭ މަންކީ ޕޮކްސްގެ 250 ޓެސްޓް ކިޓް ރާއްޖެއަށް ހަދިޔާކޮށްފި
 
                                                    ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ މަކުނުވިދުރު (މަންކީޕޮކްސް) އަށް ޓެސްޓް ކުރާ ކިޓް، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ވަނީ ވަގުތުން ނަތީޖާ ލިބޭ 250 ކިޓް ހަދިޔާކޮށްފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް މިކިޓްތައް ހަދިޔާކޮށްފައިވާއިރު، ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި އިތުރު ކިޓްތައް ލިބޭނެ ކަމަށް ރާއްޖޭގެ ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން މާދަމާ މި ޓެސްޓް ކިޓްތައް ބޭނުން ކުރާނެ ގޮތުގެ ތަމްރީނެއް ޑަބްލިއުއެޗްއޯއިން ކުރިޔަށް ގެންދާނެ ކަމަށާއި ތަމްރީން ނިމުނުހާ އަވަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހޭނެ ކަމަށް ހެލްތުން ވިދާޅުވިއެވެ.
މަންކީޕޮކްސް އަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. މިވަގުތު މި ބަލި ދުނިޔޭގެ ގިނަ ޤައުމުތަކަކުން ދަނީ ފެންނަމުންނެވެ.
 
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
