ޚަބަރު

ޝައިޚް ނިޝާނަކީ ޓެރަރިސްޓަކަށް ހަދައި, އިންޑިއާ ރުއްސުމަށް މި ކުޅޭ ކުޅިގަނޑު ކާމިޔާބެއްނުވާނެ: ޢަލީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝައިޚް އާދަމް ނިޝާން އަދި ޢަލީ ރަމީޒް. ފޮޓޯ: ޢަލީ ރަމީޒް/ޓްވިޓާ

އައްޝައިޚް އާދަމް ނިޝާނަކީ ބޮޑު ޓެރަރިސްޓަކަށް ހަދައި, މި ސަރުކާރުން އިންޑިއާ ރުއްސުމަށް ކުޅޭ ކުޅިގަނޑު ކާމިޔާބެއްނުވާނެ ކަމަށް ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝައިޚް ނިޝާން ހައްޔަރުކުރީ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ޝައިޚްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގެތެރެއިން ފުރަތަމަ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މި މަހުގެ ހަތަރުވަނަ ދުވަހު ޙުކުމް ކުރީ އެ ނިންމުން ބާތިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން މިހާރު ވަނީ ނިންމައިފައެވެ.

ޢަލީ ރަމީޒް މިއަދު ވިދާޅުވީ ޝައިޚް ނިޝާނަކީ ބޮޑު ޓެރަރިސްޓަކަށް ހަދައި, ރާއްޖޭގައި މިހާރު އޮތް އިންޑިއާގެ ޕަޕެޓް ސަރުކާރުން އިންޑިއާ ރުއްސުމަށްޓަކައި ކުޅެން ބޭނުންވާ ކުޅިގަނޑެއް ކާމިޔާބެއްނުވާނެ ކަމަށެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުން ޝައިޚް ނިޝާނަކީ ހަމަނުޖެހުން ހިންގުމުގައި އިސް ދައުރެއް އަދާކުރި ފަރާތެކެވެ. ނަމަވެސް އެފަދަ ކަމަކަށް ހިތްވަރުނުދޭކަމަށް ޝައިޚް ވަނީ ވިދާޅުވެފައެވެ.

  1. ފުރޮޅު

    އިންޑިޔާ ރުއްސުމެއް ނޫން މުހިއްމީ. ދިވެހިން ރުއްސުން ބޭނުންވަނީ، ދިވެހިން ގަބޫލުކުރާ ހަމައެއް ނޫން ދީނުގެ ނަމުގައި ގަޔަށް ބޮލަށްއަރާ މުދަލަށް ގެންލުން ދިނުމަކީ. އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ދިވެހިން ދެކެނީ އެބާވަތުގެ ކަންކަންކޮށް ހިއްވަރު ދޭނީ ޓެރަރިސްޓުން. ސްޓޭޖްތަކު މިޔުޒިކާ ލަވަކުޅެން އުޅެފަ ބޮލުގަ ފަގުޑިއެއް އަޅާ ޖުއްބާއެއްލުމަކުން ދިވެހިންގެ ވިސްނުމެއް ނޭންގޭނެއެވެ. ތިޔަ ތާލިބާން ފިކުރަށް ދިވެހިން ލެބޭކަށް ނެތެވެ.

  2. ޓައިރު

    ފުރޮޅު ކަހަލަ ހުޅަނގުގެ ސެކިއުލާ މީހުންތިބޭނީ ތިގޮތައް.ތިފިކުރައް އަހަރެމެން އިރާދަކުރެއްވީއާ ނުލެނބޭނެ.