ލައިފްސްޓައިލް

އަހަރެންގެ މާލެ ދަތުރު

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

އަހަރެން ވަރަށް ކުޑައިރު ސްކޫލުގެ ކޮންމެ ވެސް މުދައްރިސެއް ކިޔައިދިން އެއްޗެއް ބުނެދެން ހެއްޔެވެ؟ އެ މުދައްރިސް ބުނާ ގޮތުން ނަމަ މާލެއަށް މާލެއޭ ކިޔުނީ ވަރަށް އެހެން ކަހަލަ ސަބަބަކާ ހުރެއެވެ. އެއީ ވިއްކުމަށް މަސްވެރީން މާލެއަށް މަސް ގެނެސް މާލެ ލެއަށް ވެފައި އޮންނާތީ ކަމަށެވެ. އެހެންވީމާ 'މަހުލޭ' އެހެން ކިޔުން އާދައަކަށް ވެގެންގޮސް އެ ބަސް 'މާލޭ'އަށް ބަދަލު ވީ ކަމަށް މުދައްރިސް ކިޔައިދިނެވެ. މިވާހަކައިގެ ހަގީގަތެއް އަހަންނަކަށް ނޭނގެއެވެ. އަދި މިކަހަލަ ތާރީޚީ ވާހަކަތަކެއް އަހަރެން ކިޔާ ދިރާސާ ކޮށެއް ވެސް ނޫޅެމެވެ. ނަމަވެސް މާލެއާ ދޭތެރޭގައި އަހަރެންގެ ހިތުގައި އޮންނަ އެކި ވައްތަރުގެ އިހުސާސްތަކުގެ ރިހަގަނޑު ތެރޭގައި މަހުލޭ ވެސް ހިމެނެއެވެ.

Ads by STELCO

ކުޑައިރުއްސުރެ މާލެ ބަދަލު ވެގެން އުޅެފައި އަހަރެން ރަށްފުށުގެ ދިރިއުޅުމެއް ޚިޔާރު ކުރީ މީގެ ދެތިން އަހަރު ކުރިންނެވެ. ރަށުގައި އުޅެމުން ވެސް މާލެއަށް ބަރޯސާ ނުވެ ވާކަށެއް ނޯވެއެވެ. ރަށުން ބޭނުންވާ މުހިންމު އެއްޗެއް ނުލިބުމުގެ ސަބަބުން ކޮންމެ ވެސް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ގުޅައިގެން އުނދަގޫ ކޮށްގެން ނަމަވެސް މާލެއިން ގެންނަން ޖެހޭ އެއްޗެހީގެ ލިސްޓު ވަރަށް ވެސް ދިގެވެ. ދަރިއަކު ސްކޫލަށް ބޭނުންވާ އެއްޗެއް މިހަފްތާގައި ގެނައިއްޔާ ދެން އޮތް ހަފްތާގައި ޖެހެނީ ކޮންމެ ވެސް ބޭހެއް ނުލިބިގެން މާލެއިން އެއަށް އޯޑަރު ދޭށެވެ. އަނެއްކާ އަނެއް ކަމަކީ މާލެއަށް އުފަން ނުވުމުގެ ސަބަބުން އެ އޮންނަ އިންފީރިއޯރިޓީ ކޮންޕްލެކްސްގެ ޚަރަދެއް އާސަންދައަކުން ކަވަރެއް ނުކޮށްދެއެވެ.

ދެން އޮތީ މާލެއަށް ދިޔުމެވެ. ބަނޑުބޮޑު ވީމާ ރަށުގައި ހުރި މަރުކަޒުގައި އަންހެނުންގެ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ޖެހުނީ އަތޮޅު ހޮސްޕިޓަލު ހުންނަ ރަށަށް ދިޔުމަށް ލޯންޗެއް ހިފާށެވެ. އެއީ ވެސް އަނެއްކާ އަނެއް އޮލިމްޕިކް ކުޅިވަރެވެ. ލޯންޗުގައި އިންނަ ސޮރު ދަތުރު ކޮށްދެނީ 1000 ރުފިޔާއަށޯލައެވެ. ދަތުރު ކުރަނީ އެކަކަސް ދިހަ މީހުނަސް އަގަކަށް ބަދަލެއް ނާދެއެވެ. އެހެންވީމާ ރައްޓެހިން ތިބި މީހަކަށް ވެއްޖިއްޔާ އެކުގައި ދަތުރު ހަދައިގެން ޑޮކްޓަރަށް ދައްކައިލާން ނޫނީ ވިޔަފާރި ކޮށްލަން ނުވަތަ ޑީލެއް ހަދައިލަން ދާނެ މީހުން ކޮޅެއް ހަމަވާނެއެވެ. އޭރުން ބޮލަކަށް ޖެހޭވަރު މަދުވާނެއެވެ. އަދި އެއްހާސް ރުފިޔާ ހަމަކޮށްލަން ފިސާރި ފަސޭހަ ވާނެއެވެ. އެކަމަކު އަހަރެން ކަހަލަ ރައްޓެހިން މަދު މީހަކަށް ދަތުރެއް ހަމަޖެއްސުމަކީ ހަމަ އަސްލުވެސް 'އެކްސްޓްރީމް ސްޕޯޓް'އެއް ކަހަލަ ކަމެކެވެ.

ދަތުރު ކޮށްފައި ހޮސްޕިޓަލަށް ގޮސް ބަލާއިރުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ތިބެނީ މުޅީން ފިރިހެނުންނެވެ. އެއީ ވެސް އަޖައިބެއް ކަހަލަ ކަމެކެވެ. އަންހެނުންގެ ހަށިގަނޑާއި އިހުސާސްތަކާއި މައްސަރުކަންތަކާއި ބަނޑުބޮޑުވުމާއި ވިހެވުމާއި އަޅާނުލާ ފިރިއެއް ހުރުމުގެ ވޭން ފިރިހެން ޑޮކްޓަރަކަށް އެނގޭނީ ކިހިނެއް ބާވައެވެ. ކޮންމެ ގޮތެއް ވިޔަސް އަންހެން ޑޮކްޓަރަކަށް ދައްކަން ބޭނުން ނަމަ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އުޅޭ މާބަނޑު އަންހެނުން ދާން ޖެހެނީ މާލެއަށެވެ. އަދި ހަތަރު މަހުގައި ކޮންމެހެން ހަދަން މަޖުބޫރު ސްކޭނެއް ހެދުމަށް ވެސް ދާންޖެހެނީ މާލެއަށެވެ. މިއީ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި ހަދާފައި އޮންނަ ގަވާއިދެއް ކަމެއް އަނގަޔާއި އަތާ ދިމާ ނުވާ މީހުންނަށް ކުރާ ޖެއްސުމެއް ކަމެއް އަހަންނަކަށް ސާފެއް ނުވެއެވެ.

މާލޭގައި އުޅެބޮޑުވެ މާލެއިން ކިޔެވުމުން ލިބުނު އެތައް ފަސޭހައަކާއި ރަނގަޅެއް ވެސް އެބަ ހުއްޓެވެ. އެކަމަކު ދެން އެ ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް އޮތްހެނެއް ހިއެއް ނުވެއެވެ. ވޭތުވެ ދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި އެކި ރަށްރަށުން މާލެއަށް ދިރިއުޅުން ބަދަލު ކުރި މީހުންގެ އަދަދާއި އެ މީހުންގެ ދިރިއުޅުމުގެ ވާހަކައަށް ބަލައިލިޔަސް އެހެން ރަށްރަށާއި ބަލާފައި މާލެއިން ލިބެން ހުންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވަރު ވިސްނިގެންދާނެއެވެ. މީގެ އިތުރުން މި ލިޔުމަކީ މާލެއަށް މީހުން "މާލެ ސިޓީ"އާއި "ކޮންކްރިޓް ޖަންގަލް" ކިޔާ ޅެމުގެ ތެރެއަށް އަހަރެން އެއްކޮށްލާ ކަޑިއެކެވެ.

ކޮންމެއަކަސް ނިމިގެން މިދިޔަ ބޮޑު ޗުއްޓީގައި މާލެއަށް އަހަރެން ދާން ޖެހުނު ސަބަބަކީ ޑޮކްޓަރަށް ދައްކައިލުމެވެ. އަދި އާއިލާ ކައިރިއަށް ޖައްސައިލުމެވެ. އާއިލާ ރަށުގައި ނެތުމަކީ ރަށްފުށުގެ ދިރިއުޅުން އެތައް ގުނައަކަށް އުނދަގު ވެގެންދާ ކަމެކެވެ. ކޮންމެއަކަސް ވަރަށް އުނދަގު ދަތުރެއް ނިންމައިލުމަށް ފަހު މާލެއަށް އަހަރެން ފޭބީމެވެ. ކޮންމެ ފަހަރަކު ވެސް މާލެ ފޭބުމުން އަހަރެންގެ ހިތުގައި ކެކިއަރަނީ އެއްކަހަލަ އިހުސާސްތަކެކެވެ. ބޮޑެތި އިމާރާތްތަކެވެ. ދުއްވާ އެއްޗެހި ގިނަ ކަމުން ހީވަނީ ހިންޏެއްގެ ގެއެއް ކުޑަކުއްޖަކު ހަލާކު ކޮށްގެން އުޅޭހެންނެވެ. އަޑުތައް ގިނަކަމުން އަދި އަޑުތައް އަންނަ ދިމާލެއް ނޭނގޭތީ ސިކުނޑި ހީވަނީ އައްސިވެދާނެ ހެންނެވެ. ބޭނުން ވަނީ އަވަހަށް މިތަނުން ނުކުމެ ރައްކާތެރި އަމާން މާހައުލަކަށް ދިޔުމަށެވެ. ސިކުނޑިއަށް އަރާމެއް ހޯދައިދިނުމަށް ހިތް އެދި ގޮވަންފަށައެވެ. ނަމަވެސް މިހުރިހާ ކަމެއްގެ ތެރެއިން ވެސް އަހަރެންގެ ހިތަށް އުފާވެރިކަމެއް އާދެއެވެ. ހީވަނީ އަހަރެންގެ "ހޯމް"އަކީ މިއީ ހެންނެވެ.

ކިހައި ހެއްވާ ހެއްޔެވެ. މާލެއަށް މި އަރަނީ ނާރާ ނުވެގެންނެވެ. މާލެއަކީ އެހައި ވެސް ފޫހި ތަނެކެވެ. އަހަރެންގެ އާއިލާ އެއްގޮތަކަށް ވެސް ދާހިތްވާ ތަނެއް ނޫނެވެ. ނަމަވެސް އަދިވެސް ހިތުގައި މާލެއަށް ފާޑެއްގެ ލޯތްބެއް އެބައޮތެވެ. ކޮން ލޯތްބެއް ހެއްޔެވެ. ގެރި ލޯތްބެވެ. އުޅެބޮޑުވި ތަންވީމާ ކުލުނެއް ހުންނަނީއެވެ. އަހަރެން ބާލިޣްވީ މާލޭގައެވެ. ފުރަތަމަ ފަހަރަށް މޫދަށް އެރުނީ ވެސް މާލޭގައި ތޯއްޗެކެވެ. ވަރަށް ސޭޑް ދޯއެވެ. އެތައް ކަމެއްގެ ފުރަތަމަ ފަހަރު ތަޖުރިބާ ކޮށްފައި ހުންނާނީ މާލޭގައެވެ. އުމުރުގެ ބޮޑު ބައެއްގައި ދުވަހަކު ވެސް މާލެ ދޫކޮށްފައި ދާކަށް ޚިޔާލު ކޮށްފައެއް ނޯންނާނެއެވެ. ނަމަވެސް ރަށްފުށުގެ ގޮނޑުދޮށަށް އަހަރެން ގެންގޮސް ލެއްގީ އިބްރާހީމް ޙުސައިން މަނިކުގެ ވާހަކައެކެވެ. އެކަމަކު އެއީ އަދި އެހެން ވާހަކައެކެވެ.

ކޮންމެއަކަސް އެމްއެމްއޭ ޖެޓީގައި އަހަރެންގެ ފިރިމީހާ އަހަރެން އަތުލަފި ކޮށްގެން ލޯންޗުން ނެރެފިއެވެ. އަދި އެތަނުން ގެއާ ހަމައަށް ދިޔުމުގެ ތެރޭގައި ހޮޑު ލެވުމާއި ގައިން ވަރުދޫވުމާއި އެ ހުރިހައި ކަމެއް ފިލާ ގޮސްފިއެވެ. ގެއަށް ގޮސް ތާހިރު ވެލައިގެން އެއްޗެއް ކާލީމާ އުނދަގުތައް އެއްކޮށް ފިލައިފިއެވެ. އެކަމަކު ދަރިޔާއެވެ. ދަތުރު ކުރުމަކީ ހާދަހާ ބޮޑު ވޭނެކެވެ. މާލެ ދެކެ އެހާ ރުޅި އާދެވެނީ ވެސް މި ކަހަލަ ކަންކަމާ ހުރެއެވެ.

އައިޖީއެމްއެޗްއަށް ގުޅައިގެން ހަމަޖެއްސި އެޕޮއިންޓްމަންޓަށް ވީނުވީއެއް ނޭނގި ކެންސަލްވި ވާހަކަ މެސެޖުގެ ޒަރިއްޔާއިން އެނގިއްޖެއެވެ. ވީގޮތް އޮޅުން ފިލުވުމަށް ޓަކައި އެ ތަނަށް ގުޅުމުން ބުނީ އެއީ އީދު ދުވަހަށް ވާތީ އެ ދުވަހުގެ ހުރިހާ އެޕޮއިންޓްމަންޓްތަކެއް ކެންސަލްވީ ކަމަށެވެ. ޖެހިގެން އައި ދުވަހަށް އެޕޮއިންޓްމަންޓް ހަމަޖައްސައިފައި އެ ވާހަކަ ބުނެފައި މެސެޖު ކުރާނޭ ކަމަށެވެ. ނަމަވެސް އެ މެސެޖެއް އަހަރެންނަކަށް ނުލިބެއެވެ. އެކަމާ ޝަކުވާ ކުރާކަށް އަހަރެން ފަހަކުން ނުގުޅަމެވެ.

ކޮންމެއަކަސް މާލޭގެ މަގުތަކުގައި ހިނގާލުމުގެ ފުރުސަތު ވެސް ލިބިގަތީމެވެ. އެއީ ޓެކްސީއަށް މިހާރު ތިރީސް ރުފިޔާ ދޭންޖެހޭތީއެވެ. އަދި ކުދިކުދި ދެ ދަރިން ގޮވައިގެން އުޅޭތީ ގޭގައި ދެފައި ދަމަން އޮވެވޭ ކަމަށް ނުވެއެވެ. މަގުމަތީގައި ހިނގާލުމުން އަހަރެންނަށް ފާހަގަވީ ކުރިއާ ބަލައި މަގުމަތީގައި މީހުން ގިނަ ނޫންކަމެވެ. އެއީ ޗުއްޓީއާ ދިމާކޮށްފައި އެކި މީހުން އެކި ރަށްތަކަށް އަދި ރާއްޖެއިން ބޭރަށް ދިޔައީމަބާވައެވެ. ނޫނީ އެތައް ބަޔަކު ފޭސް ޓޫއަށް ބަދަލު ވީމަބާވައެވެ. ނޫނީ މި ދެ ސަބަބާ ހުރެ ބާވައެވެ.

ކޮންމެއަކަސް ރަށުގައި ފެންނަ ދޫންޏާއި މާލޭގައި ފެންނަ ދޫންޏަށް ބަލައިލައިފި ނަމަ ރަށުގައި ވެރިކަންކުރާ ކާޅުގެ ބަދަލުގައި މާލޭގައި ވެރިކަން ކުރަނީ ކޮތަރެވެ. ރަށުގައި ޑިކްޓޭޓަރޝިޕްއެކެވެ. އަމިއްލަ ނަފްސު ދިފާއު ނުކުރެވޭ ކުޑަ ކުދިން ރޮއްވައިލައިފައި އެ ކުދިންގެ ބަނަސްކޮޅު ޖަހައިގަނެގެން ދާ އެންމެން ރުޅި އަންނަ ކާޅުތަކާއި މާލޭގައި ފެންނަ މަންޒަރު ކިހައި ތަފާތު ހެއްޔެވެ. ކޮތަރު ބައިގަނޑު ގިނަވެފައި ލާ ޕުއްޕު ވެސް ވަކި މަދެއް ނޫނެވެ. ނަމަވެސް އެކި ހިސާބު ތަކުން މީހުން ކޮތަޅުކޮތަޅަށް ހަނޑުލާއި މުގު އަޅައިގެން ނުވި ތާކަށް މިނަރަލް ވޯޓަރ ވެސް މީހަކު ކޮތަރަށް ބޯންދިންތަން ދުށީމެވެ. ކޮތަރުތައް ކައިކައި ތިބެނީ ތިމާވަރެއް ނެތިފައެވެ. އެހެންވީމައި ރަށުގައި އޮންނަ ޑިކްޓޭޓަރޝިޕްއާ ބަލާފަ ކޮތަރުމެން ކުރަނީ ހަމަސީދާ ރަސްކަމޭ ވެސް ބުނެވިދާނެ ކަންނޭނގެއެވެ. މި ދެވައްތަރުގެ ދޫންޏާ ދޭތެރޭގައި މީހުން ދެކޭ ގޮތް ތަފާތު ވަނީ ކީއްވެބާއޭ އަހަރެން ހިތަށް އަރައެވެ. ކޮތަރު އަހަރެމެން ކާއެތިކޮޅު ޖަހައިނުގަންނާތީ ކަންނޭނގެއެވެ.

މަގުމަތިން ހިނގާފައި ދާއިރު ފާހަގަވި އަނެއް ކަމަކީ ޕޭމެންޓްތަކުން ފަޅައިފައިވާ ވިނަތަކެވެ. އޭގެ ތެރޭގައި ކާ ކަހަލަ ފަތް ވެސް ފެނެއެވެ. މިސާލަކަށް މައްސާގު، ގެދަ އަދި ސްޕިނެޗް ވެސް ފެނުނެވެ. ނަމަވެސް ކާންކެރޭ ވަރަށް ވުރެ މީހުން ރަތްކުޅުޖަހައިފައިވާލެއް ގިނަކަން ފާހަގަ ވެއެވެ. އެކަމަ ކުވެސް ގަސް ހައްދަން ބޭނުން މީހުންނަށް ހިލޭ ކުރިކޮޅެއް އެއްކުރެވޭ ވަރަށް މާލޭގައި މި ބުނި ވިނަތައް އެބައޮތެވެ. ފެހިކަމުގެ ވާހަކަ ދައްކާއިރު ހުރިކަން ކުރިން ނޭނގޭ ބޮޑެތި ގަސްތައް ހުރި ޕާކަކަށް ވަނީމެވެ. އަދި ލޮނުޒިޔާރަތް ޕާކް ވެސް ހައިރާންވާހާ ފެއްސެވެ. މައްސަލައަކީ ހަލުވި ކުއްޖެއް ގޮވައިގެން އަހަރެން ކަހަލަ ބުރަހެލި މީހަކު އެތަނަށް ގޮސްފިއްޔާ އެތަނުން ކުއްޖާ ގެއްލިގެން ސެކިއުރިޓީއަށް ގޮވަން ޖެހޭވަރުވާކަމެވެ. އެކަނި ދިޔަ ނަމަ އަހަރެން ވެސް ނުގެއްލޭނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ.

ހިނގާފައި ދާއިރު ދެން ފާހަގަވާ ކަމަކީ ބައެއް ގޭގެއިން ނެރެފައި ހުންނަ ކުނި ކޮތަޅުތަކެވެ. އަޅެފަހެ ކުނީގެ މައްސަލަ އެއީ މައްސަލައެއް ކަމުގައި ދެކޭ މީހުންނަށް ވެސް އެތަން ނުފެންނަނީ ބާވައެވެ. ގެއެއްގެ ބޭރު ގޭޓްގައި ލިޔެފައި އޮއްވާ ދުށީމެވެ. "ކުނި ކޮތަޅު ހުންނާނީ ދޮރު ހުޅުވާލާއިރު އެތެރޭގައެވެ." އަހަންނަށް އެތަން ފެނި އައީ ޒާތެއްގެ ހިންޏެކެވެ. އަހަރެން ހީކުރީ އެއީ އެ ގޭ މީހުން ވެމްކޯ މީހުންނާ ދިމާލަށް ސާކާސްޓިކް ކޮމެންޓެއްކޮށްލީ ކަމަށެވެ. ނަމަވެސް އަހަރެންގެ ގާތުގައި ހުރި މީހާ ބުނީ އެއީ ދެފަރާތަށް ވެސް ފަސޭހަ ގޮތެއް ކަމަށެވެ. އަހަރެން ހުނުން ހުއްޓާލީމެވެ.

ދެން އޮތީ ހިނގުމުގެ ދަތިކަމުގެ ވާހަކައެވެ. ބައެއް މަގުމަގުގައި ޕޭމެންޓް ހުއްޓަސް ހުންނަ ހެނެއް ހިއެއް ނުވެއެވެ. ދުއްވާ އެއްޗެހި ގިނަކަމުން މި ވަދެވެނީ ހޮހޮޅައަކަށޭ ބައެއް ފަހަރު ހީވެއެވެ. ފާރާއި ޕާކްކޮށްފައި ހުންނަ ކާރާއި ލޮރީތަކާއި ދޭތެރޭގައި މީހަކަށް ކޮންމެ ފަދަ ކަމެއް ވެސް ވެދާނެއެވެ. އަނެއްކާ ގުދަނަކަށް ކޮންމެ ވެސް މުދާތަކެއް ނުބާލާ އިރަކާ ދިމަލެއް ނުވާނެއެވެ. އެހެންޏާ ފޮށިގަނޑެވެ. ނޫނިއްޔާ ލަކުޑިއެވެ. ވާނީ ވެސް އެހެންތާއެވެ. މާލޭގައި ހުންނަ ފިހާރައިގެ އަދަދަށް ބަލައިލާށެވެ. އަހަރެން ކުޑައިރު ހުރިހައި ފިހާރައެއް ފެނިފެނި އެއްޗެކޭ ހިތަކަށް ނާރައެވެ. އެކަމަކު ރަށްފުށު ދިރިއުޅުން ފެށި ފަހުން އެ ހުރިހައި ފިހާރައެއް ފެނުނީމަ ފާޑަކަށް މޭބޮޑު ވަނީއެވެ. ލާރި ބޯކޮށް އޮތް ނަމަ އަހަރެން ވެސް ގޮސް ބޭކާރު ޝޮޕިންތައް ކޮށްލާނަމޭ ހިތަށް އަރައެވެ. އެކަމަކު އެންމެ ޖޭވަނީ ރަށުގައި މި ވަރަށް އެއްޗެހި ނުހުންނާތީއެވެ. އެހައި ގިނަ ފިހާރަ ނުހުންނާތީއެވެ. އެކަމަކު ހަގީގަތުގައި ދިވެހިން ވަރަށް ބޭކާރު އެއްޗެހި ގަންނަހެން އަހަންނަށް ހީވެއެވެ.

ރަށާ އަޅާ ބަލާއިރު މާލެއިން ވަރަށް ތަފާތު ގޮތްގޮތަށް ތިބޭ މީހުންނާއި ދިމާވާނެއެވެ. އަހަރެން ހިތަށް އަރަނީ އެމީހުންގެ ވިސްނުން ވެސް ހަމަ އެގޮތަށް ތަފާތުވާނެ ބާވައެވެ. މާލޭގައި އެންމެ ހިތްހަމަޖެހޭ ތަންކޮޅަކީ އެހައި ބުޅާ ގިނަ ވީމައެވެ. ކިތަންމެ ވަރަކަށް ފެނުނަސް ކޮންމެ ސައިޒެއް ވިޔަސް ކޮންމެ ކުލައެއް ވިޔަސް ވަކި އަޅާފައި ދިޔަޔަސް ބުޅަލެއް ފެންނަ ކޮންމެ ފަހަރަކީ ހިތްފުރޭ ފަހަރެކެވެ. އެއީ ރަށުން ލިބޭ ހިތްހަމަޖެހުމެއް ނޫނެވެ.

މާލެ ދަތުރު ނިންމައިލުމަށް ފަހު މިހާރު ރަށަށް އެނބުރި އައިސްފީމެވެ. އަދި ކިތަންމެ ދާހިތްނުވިޔަސް އަނެއްކާ ވެސް އަނބުރާ ދާން އޮތްތަނަކީ އެއީކަން އެނގޭތީ ހަތިޔާރު ބަހައްޓައިފީމެވެ. އެކަމަކު އަހަރެން ބޭނުމީ މާލެއާއި ނުލާ ވެސް މާލެއަށް ބަރޯސާ ނުވެ ވެސް ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ދުވަސް ފެނުމެވެ.

  1. އަލީ

    ކަމަނާ ދިވެހިން ލިޔުނު އެއްޗެއްގައި ހާދަ އިނގިރޭސިއޭ ތަންކޮޅެއް ފޮނިމަޑުކަން ފާހަގަވި.