ބަންގިއާއި ޤުރުއާނުގެ އަޑު އިވުމަކީ ޝައިޠާނުންނަށް އިންތިހާއަށް އުނދަގޫވާކަމެއް: ޢަލީ ރަމީޒް

ބަންގިއާއި ޤުރުއާނުގެ އަޑު އިވުމަކީ ޝައިޠާނުންނަށް އިންތިހާއަށް އުނދަގޫވާކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު މިއަދު ވިދާޅުވެއްޖެއެވެ.
މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ބޭރަށް އަޑުނީވޭ ގޮތް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ގޮތުން ޢަލީ ރަމީޒު މިއަދު މީސްމީޑިއާއަށް ދޫކޮށްލެއްވި މެސެޖުގައި ވިދާޅުވީ ބަންގި ގޮވާ އަޑާއި ޤުރުއާން ކިޔަވާ އަޑު އިވުމަކީ ޝައިޠާނުންނަށް އިންތިހާއަށް އުނދަގޫވާނެކަމެއް ކަމަށެވެ.
މުއުމިނުންނަކީ ކީރިތި ޤުރުއާނުގެ އަޑު އިވުމުން ހިތްތަކުން ހާސްކަން ފިލައި, އެ މީހުންގެ ހިތްތަކަށް ފިނިކަން އިހުސާސްކުރެވޭ މީހުންނެވެ. ކީރިތި ޤުރުއާނަކީ ހުރިހާ ކަމަކަށް ޝިފާއަކަށް ވީ ހިނދު, މި ޒަމާނުގައި ވެސް އަލަށް އިސްލާމްދީނަށް ވަންނަ މީހުންގެ ތެރެއިން ގިނަ ބަޔަކު ދީނަށް ވަދެފައިވަނީ ކީރިތިޤުރުއާނުގެ އަޑު އިވުމުގެ ސަބަބުން ހިތަށް ކުރާ އަސަރެއްގެ ސަބަބުންނެވެ.
މީގެ 1400 އަހަރު ކުރިއަށް ބެލިޔަސް އެކަން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. ޢަލީ ރަމީޒުގެ ވާހަކައިގައިވާ ފަދައިން އެ ޒަމާނުގައި ޤުރުއާނުގެ މޫރިތި އާޔަތްތައް އިވުމުން އަބޫޖަހުލުމެން ފަދަ މީސްމީހުންނަށް އިންތިހާއަށް އުނދަގޫވެއެވެ.
ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ދެއްވާފައިވާ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން މި އުންމަތުގެ ދެވަނަ ޚަލީފާ ޢުމަރު ބިން އަލްޚައްޠާބް އިސްލާމްވެވަޑައިގަތީ ޠާހާ ސޫރަތުގެ އާޔަތްތަކެއް އިވިވަޑައިގެންކަމަށް ވެސް ބައެއް ރިވާޔަތްތަކުގައި އައިސްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބައެއް މިސްކިތްތަކުގައި ބަންގި ގޮވާއިރު ޖައްސާފައި ހުންނަ ލައުޑް ސްޕީކަރު ކަނޑާނުލައި ނަމާދުކުރާތީ މިސްކިތް ހުންނަ ސަރަހައްދަށް ވަރަށް ބާރަށް އަޑު ހުންނަ ކަމަށާއި, އުސް ޢިމާރާތްތައް ހުންނައިރު ލައުޑް ސްޕީކަރު ހުންނަނީ ސީދާ ޢިމާރާތްތަކާ ދިމާއަށްކަމަށްވާތީ އެ ސަރަހައްދުތަކުގައި މީހުން އުޅޭ ގޭގެއިން އެކަމުގެ ޝަކުވާކުރާ ކަމަށެވެ. އެ ގޮތުން ނަމާދުކުރާ ގަޑިތަކުގައި ބޭރަށް އަޑުނީވޭ ގޮތް ހަދަން އެންގީ ޝަކުވާލިބޭ ސަރަހައްދުތަކުގައި ހުންނަ މިސްކިތްތަކުގެ އިމާމުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.






ކޮމެންޓް