އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާތީ ސަމާލުވާން އަންގައިފި

މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ޅ.މާފިލާފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން އެމްއެންޑީއެފުން ނިންމައިފިއެވެ.
ތަމްރީނުތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 18:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށެވެ.
މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު, ހަތިޔާރުގެ ގޮތުގައި ތަމްރީނުތަކުގައި ބޭނުންކުރާނީ މިނީ ފްލޭއަރ އަދި ޕެރަޝޫޓް ފްލޭއަރ އެވެ.
އެ ގޮތުން ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 200 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 200 މީޓަރެވެ.
ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ ލެވެލް އެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ މާފިލާފުއްޓާ ދިމާ މައްޗެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ, ތަމްރީނުތައް ކުރިއަށްގެންދަން ނިންމާފައިވާކަން ޑިފެންސް މިނިސްޓްރީން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި, އެހެންވެ އެ ސަރަހައްދުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ.