ދުނިޔެ

އަފްގާނިސްތާނަށް އެހީވާން އދ އިން ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގައި އިންސާނީ އެހީއަށް ބޭނުން ޖެހިފައިވާ އެތައް މިލިޔަން ރައްޔިތުންނަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އ.ދ.ގެ އިންސާނީ އެހީއާ ބެހޭ އިދާރާގެ އިސްވެރިއެއް ކަމުގައިވާ މާޓިން ގްރިފިތްސް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވައިފިއެވެ. އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ އަފްޣާނިސްތާނުގެ ހަނގުރާމައާ ގުޅިގެން އެ ޤައުމަށް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް ބަރޯސާވާން ޖެހިފައެވެ.

Ads by Sosun Fihaara

ބައިނަލްއަޤުވާމީ އެހީދޭ ޖަމުޢިއްޔާތަކާއި ޤައުމުތަކުން އަފްޣާނިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލާފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެއީ، އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ، ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ތާލިބާނުން އެ ޤައުމުގެ ވެރިކަމާ ހަވާލުވުމުންނެވެ.

"އަފްޣާނިސްތާނުގެ އާބާދީ ދަނީ އިތުރުވަމުން. އަދި ފަގީރުކަން ވަނީ އިންތިހާއަށް އިތުރުވެފައި. ވެރިކަން ކުރާ ފަރާތްތަކުގެ އަތުގައި އެ ޤައުމު ތަރައްޤީކޮށް އާރާސްތު ކުރާނެ ފައިސާއެއް ނެތް. އެ ކަން ބަދަލު ކުރަން ޖެހޭ،" އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގްރިފިތްސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަފްޣާނިސްތާނުގައި 39 މިލިޔަނަށް ވުރެ ގިނަ މީހުން އިންސާނީ އެހީއަށް ޖެހިފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން ހަ މިލިޔަން މީހުންނަށް ބަނޑުފުރާނަ މުއްތިކުރާނެ ގޮތެއް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެއް މިލިޔަނަށް ވުރެ ގިނަ ކުޑަކުދިން ބަނޑަށް ޖެހިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އަފްޣާނިސްތާނުގެ ވެރިކަން ކުރާ ފަރާތުގެ ޒިންމާތަކެއް ވެސް އެބައޮތް. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތައިލަން ޖެހޭ. އިންސާނީ އެހީދޭ ޖަމުޢިއްޔާތަކުގައި އުޅޭ އަންހެނުންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭން ޖެހޭ. އަދި، އަންހެން ކުދިންނަށް ތަޢުލީމު ހޯދުމުގެ ހައްޤު އަނބުރާ ދޭން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވުމާ ގުޅިގެން އެ ޖަމާޢަތާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި، ތާލިބާނުންގެ ވެރިކަމަކީ ޤާނޫނީ ވެރިކަމެއްގެ ގޮތުގައި ބަލައިގަނެފައެއް ވެސް ނުވެއެވެ. މި ކަމާ ގުޅިގެން އެ ޤައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާ ކަމުގައި އ.ދ.އާއި އެހީދޭ ޖަމުޢިއްޔާތަކުން ބުނެއެވެ.

އަފްޣާނިސްތާނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އ.ދ.އިން އެކުލަވައިލާފައިވާ ޚާއްޞަ ޕުރޮގުރާމެއް ކަމުގައިވާ ހިއުމެނިޓޭރިއަން އެކްސްޗޭންޖް ފެސިލިޓީ (އެޗް.އީ.އެފް) އަލުން ފެށުމަށް އ.ދ.އިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ޕުރޮގުރާމުގެ ދަށުން އެ ޤައުމަށް ލިބޭ މާލީ އެހީ، އެ ޤައުމުގެ ފައިސާއަށް ބަދަލު ކޮށްދެއެވެ. މި ޕުރޮގުރާމުގެ މަޤުޞަދަކީ، އެ ޤައުމަށް ލިބޭ މާލީ އެހީ ބޭނުން ކުރުމުގެ ފުރުޞަތު ތާލިބާނުންނަށް ނުދީ، ސީދާ އެހީދޭ ޖަމާޢަތްތަކަށް އެ ފައިސާ ފޯރުކޮށްދިނުމެވެ.

"ޓެރެރިޒަމް ހުއްޓުވައި، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތްތަކަށް ފައިސާ ލިބޭނެ މަގުތައް ބަންދު ކުރަން ބޭނުންވާ އެއްވެސް ޤައުމަކުން ތާލިބާނުންނަށް ފައިސާ ދޭކަށް އެއްބަހެއް ނުވާނެ. ބޭނުމެއް ނުވާނެ،" އެމެރިކާއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވިއެވެ. އޭނާ ވަނީ، އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއާއި ރަޝިޔާއަށް ވެސް ގޮވައިލައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!